ވައިގެމަގުން ބްރެޒިލްއިން ރާއްޖެއައި އުމުރުން 32 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން ބަރުދަނުގައި ކިލޯއަކަށްވުރެ ބަރުދަން ހުރި ކޮކޭން ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
2019 ސެޕްޓެމްބަރ 01 ވަނަ ދުވަހު ބްރެޒިލްއިން ރާއްޖެއައި މި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުން މީނާގެ ހަށިގަނޑުގައި ފޮރުވައިގެން މަސްތުވާތަކެތި ރައްކާކޮށްފައިހުރި 70 ކެޕްސޫލް (ބަރުދަނުގައި 1089 ގްރާމް) ވަނީ ފެނިފައެވެ. އަދި ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮސިޓިވް ވެފައެވެ. މިތަކެތީގެ މަގުމަތީ އަގު 3,811,500.00 (ތިން މިލިއަން އަށްލައްކަ އެގާރަހާސް ފައްސަތޭކަ) ރުފިޔާއަށް އަރައެވެ.
މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ. މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 24.78 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.