އިސްލާމްދީނަށް ފުރައްސާރަކުރި މީހަކު ގދ. ތިނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެނގިފައިވާ ގޮތުގައި ދީނަށް ފުރައްސާރަ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރުސްތަމް ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ ކުރިން އޭނާވަނީ އިސްލާމްދީނަށް އޭނާ ފުރައްސާރަ ކުރިކަމަށް ޓްވިޓާ މެދުވެރިކޮށް އިއުތިރާފްވެފައެވެ. އެގޮތުން އޭނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިއްޔެއަކީ އޭނާ ހަވަރު ތިނަދޫގައި ލާދީނީ ވާހަކަ ދެއްކި ފުރަތަމަ ދުވަސް ކަމަށާއި ލާދީނީ ބޮޑެތި ޖަލްސާތައް ވެސް ބާއްވާނެ ކަމަށް ރުސްތަމް ބުނެފައިވެއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އޭނާއާއި ދެކޮޅަށް ތިނަދޫގެ ރައްޔިތުންތަކެއް ނިކުންނަށް ނިންމުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެމީހާއަކީ މީސްމީޑިއާގައި، ދީނާއި ދެކޮޅަށް އެތައް ވާހަކަތަކެއް މީގެ ކުރިން ވެސް ލިޔަމުން އައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަ ކުރަމުންދިޔަ މީހެއްކަން، އޭނާގެ ޕޯސްޓުތަކުން ހާމަވެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިއަދަކީ ހަވަރު ތިނަދޫގެ މަގުމަތީގައި ޒުވާނުން އެއްކޮށްގެން ލާދީނީ ވާހަކަ އަހަރެން ދެއްކި އެންމެ ފުރަތަމަ ދުވަހެވެ. ގޭގައި މަޑުން ހުރެގެން އެއްޗެއް ލިޔުނީމާ އެގޮތް މުއްލާތަކަށް ކަމުނުދިޔައެވެ. ވީމާ މިހާރު ވާހަކަ ދައްކަންވެސް ފެށީއެވެ. އަދި ލާދީނީ ބޮޑެތި ޖަލްސާވެސް ބާއްވާނަމެވެ.
— Rusthum Russo ✪ (@RusthumRussso) September 9, 2019