ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓަކާ ގުޅިގެން ފުލުހުން މާލޭގެ ގެތަކެއް ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

މިއަދު އިރިއޮއްސެން އުޅެނިކޮށް ފުލުހުން ފެށި އެ އޮޕަރޭޝަންގެ ދަށުން ފުލުހުން އަންނަނީ އަމީނީ މަގު ކާގޮށީ ފްލެޓް އިމާރާތުގެ 5 ވަނަ ފަނގިފިލާގައި ހުރި އެޕާޓްމަންޓް ތަކެއް ބަލައި ފާސްކުރަމުން އެވެ. އަދި ހެންވޭރުގައި ހުރި ގެއެއްވެސް ދަނީ ބަލައި ފާސް ކުރަމުންނެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ، މިއޮޕަރޭޝަން އަކީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ހޯދާފައިވާ ކޯޓް އަމުރުތަކެއް ތަންފީޒު ކުރުމަށް ފުލުހުް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން އެ ކޮމިޝަނުން ކޯޓް އަމުރު ހޯދާފައިވާ ތަންތަނާއި މީހުން ފުލުހުން ފާސްކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޒަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ދަނީ ބައިވެރިވަމުންނެވެ.