މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލާފައިވާ ކަމަށް މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުގެ ތަހުގީގުން ހާމަވުމާއި ގުޅިގެން، ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި މިއަދު ވަނީ ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ރެސްޓޯރަންޓް ބަލާ ފާސްކޮށް، އެތަނުން އެއްޗެހިތަކެއް ވެސް ގެންގޮސްފައެވެ.
ކޮމިޝަނުން އާއްމުކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ތުހުމަތު ކޮށްފައިވަނީ، ބިގްމޭންއަކީ ޓެރަރިޒަމަށް ފައިނޭންސް ކުރާ ހ. ވާލީވިލާ އަލީ ޝިޔާމް ގެ ހިއްސާ އޮންނަ ވިޔަފާރިއެއް ކަމުގައެވެ.
އެނގިފައިވާ ގޮތުގައި ބިގްމޭންގެ އިތުރުން މިއަދު ފުލުހުން އިތުރު ވިޔަފާރިތައް ވެސް ބަލާ ފާސް ކުރާނެކަމަށް ބެލެވެއެވެ.
މާލޭގައި ހުންނަ ބިގްމޭން ރެސްޓޯރަންޓް ފުލުހުން މިއަދު ބަލާފާސް ކޮށްފައިވާއިރު، ރޭ އައްޑޫގައިވެސް ވަނީ ބައެއް ވިޔަފާރިތައް ބަލައިފާސް ކޮށްފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން އައްޑޫގައި ބަލާ ފާސް ކޮށްފައިވަނީ ރިލްވާން މަރާލި މައްސަލައިގެ ރިޕޯޓުގައި ތުހުމަތު ކުރެވޭ އަޙްމަދު އަގްލީލް (ކިޑޫ) އާއި ގުޅުންހުރި ވިޔަފާރިތަކެވެ. އެގޮތުން އޭނާ ހިންގާ "ފޮތި ގަރާޖު" ކިޔާ ފޮތި ފިހާރައެއް ވެސް ވަނީ ބަލާ ފާސްކޮށްފައެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓާއި ގުޅިގެން ފުލުހުން ހިންގަމުން ގެންދާ މިބޮޑު އޮޕަރޭޝަނާއި ގުޅޭގޮތުން މިއަދު މައުލުމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮޕް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، އެކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި މާލެއާއި އައްޑޫއިން ނުވަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް އިޒްމިއާ ވިދާޅުވިއެވެ.