މިނިވަން ނޫސްވެރިޔާ އަޙުމަދު ރިލްވާން އަބްދުﷲ ގެ މަރާލާފައިވާ ކަމަށް ބުނެ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އާއްމުކުރި ތަހުގީގު ރިޕޯޓާއި ގުޅިގެން ފުލުހުން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި، ރޭ އައްޑޫ ސިޓީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަހްމަދު އަގްލީލް (ކިޑް، ފޭދޫ/ގުރަހާގެ ދޫކޮށްލައިފިއެވެ. ނަމަވެސް އޭނާ ދޫކޮށްލާފައިވަނީ ފުލުހުންގެ ތަހުގީގީ ބޭނުމަށް އޭނާގެ ފޯނާއި ލެޕްޓޮޕް އަތުލުމަށްފަހުއެވެ.
އެކޮމިޝަނުން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން އަގްލީލް އަކީ، ރިލްވާން ރަހީނުކުރުމަށްފަހު މަރާލަން ގެންދިޔަ ކަންނެލި ދޯނި ހަމަޖައްސައިދިން މީހާއެވެ. ނަމަވެސް އެތުހުމަތުތައް އަގްލީލް އަންނަނީ ދޮގު ކުރަމުންނެވެ.
އައްޑޫސިޓީ ގައި ފުލުހުން ރޭ ހިންގި ބަލާފާސް ކުރުމުގެ އޮޕަރޭޝަންގައި އަގްލީލް އާއި ގުޅުން ހުރި ތަންތަންވެސް ވަނީ ބަލާފާސް ކޮށްފައެވެ. އަދި ރޭ 20:00 ހާއިރު ގަން ޕޮލިސް ސްޓޭޝަނަށް އަގްލީލް ގެންގޮސް ތިން ގަޑިއިރު އެތަނުގައި ބޭންދުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލީ އޭނާގެ ފޯނާއި ލެޕްޓޮޕް ނެގުމަށްފަހު، އޭނާގެ ބަޔާނެއްވެސް ނަގާފައެވެ.