ރާއްޖެ އިސްތިހާރުކުރުމަށް ހަތަރު ޤައުމެއްގެ ސަތޭކަ ޓުއާރ އޭޖެންޓުން އެފްޓީއައި އާއި އަދާރަންގެ ފަރާތުން ތިން ދުވަހަށް މިއަދު ރާއްޖެއަތުވެއްޖެއެވެ.
އެފްޓީއައި އިން ހިންގާ ޕްރޮގްރާމެއްގެ ދަށުން މިސަތޭކަ އޭޖެންޓުން މަޑުކުރުމަށް ހަމަޖެހިފައިވަނީ އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. އެގޮތުން ރާއްޖެ އައިސްފައިވަނީ ޖަރުމަނާއި، އޮސްޓްރިއާ، ނެދަރލޭންޑްސް އަދި ސްލޮވޭކިއާގެ ޓުއާރ އޭޖެންޓުން ތަކެކެވެ.
އަދާރަން ހުދުރަންފުށި ރިސޯޓުގައި އެމީހުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން މިރޭ ޚާއްސަ ޚަފްލާއެއް ވެސް ބާއްވާފައިވެއެވެ. އެޚަފްލާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މިޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަނީ ޔޫރަޕުގައާއި ދުނިޔޭގެ އެކިތަންތަނުގައި ހުންނަ ކުދިކުދި ފިހާރަތަކުން (ޓުއާ އޭޖެންސީތަކުން) ދިވެހި ރާއްޖެ ވިއްކާދެއްވާތީ ކަމަށެވެ.
" ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަނީ ޔޫރަޕުގައާއި ދުނިޔޭގެ އެކިތަންތަނުގައި ހުންނަ ކުދިކުދި ފިހާރަތަކުން (ޓުއާ އޭޖެންސީތަކުން) ދިވެހި ރާއްޖެ ވިއްކާދޭތީ. މިރޭ މިތާ މިތިބީ 100. އެމީހުންނަކީ 100 ފިހާރަ ހިންގާ މީހުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ނަޝިދު ވިދާޅުވީ ސަރުކާރު ބަދަލުވުމާއި ދިވެހި ރާއްޖެއަށް ޑިމޮކްރަސީ އައުމާއި ގުޅިގެން ޔޫރަޕްގެ ކިތަންމެ ބައެއްގެ ޝައުޤުވެރިކަން (ނަޒަރު) އަލުން އަނބުރާ ދިވެހިރާއްޖެއަށް ހުއްޓިއްޖެ ކަމަށާއި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.
އެފްޓީއައި އާއި އަދާރަންގެ ފަރާތުން ހިންގާ މިޕްރޮގްރާމަކީ، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ރީތިކަމާއި އެހެނިހެން ކަންކަންވެސް އިތުރަށް އިސްތިހާރުކޮށް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކޮށް ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ.