ހަނަފީގެ ބަސްފުޅަށް ހާސްފަށުން ސާބަސް! ޢަމަލީ ގޮތުން ތަންފީޒު ކުރައްވާތަން ފެންނަން ފެށީމަ މިލިއަން ފަށުން ތަޢްރީފް ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ހަނަފީގެ ބަސްފުޅަށް ހާސްފަށުން ސާބަސް! ޢަމަލީ ގޮތުން ތަންފީޒު ކުރައްވާތަން ފެންނަން ފެށީމަ  މިލިއަން ފަށުން ތަޢްރީފް ލިބޭނެ!

ދިވެހި ޤައުމާއިމެދު ވިސްނާ ކޮނަމެ މީހަކު ވެސް އެންމެ އުފާވާނެ އެއް ދުވަހަކީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބި ބިދޭސީން ރާއްޖެއިން ބޭރުކޮށް ހުސްކުރާނެ ދުވަހެވެ. 

ގިނަ ބައަކު ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރުމުގެ ފުރުޞަތު ބިދޭސީންނަށް ހުޅުވައިލީ ޝާހީ ޚާންދާނަށް އެކަން މުހިންމުވުމުންނެވެ. އެގޮތުން ހުޅުވައިލި ފުރުޞަތު ބޮޑުވަމުން އައިސް މިއަދު މި ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ތިބީ ކިތައް ހާސް ބިދޭސީންކަން ސަރުކާރަށްވެސް ޔަޤީން ކަމާއިއެކު ބުނެވޭކަށް ނެތެވެ. އަދަދު ދެ ލައްކަ އާއި ގާތް ކުރާނެ ކަމަށްވެސް ބެލެވެއެވެ. 

އެކަމުގެ ނުރައްކާތެރިކަން ބޮޑުވެ ޤައުމީ ސަލާމަތަށް ނުރައްކާ ވެއްޖެކަން ސިފައިންނާއި ފުލުހުން ގެންދަނީ ހާމަކުރަމުންނެވެ. ސަލާމަތީ ބާރުތަކުން އެ މޭރުމުން ހާމަކުރަން ފެށުމުގެ މާކުރިންވެސް ރައްޔިތުން އައީ އެކަން ފާހަގަކުރަމުންނެވެ. މައްސަލައަށް ޙައްލެއް ލިބިދާނެ ކަމުގެ ހުވަފެނެއް މިއަދު ވަނީ ފެނިފައެވެ. އެއީ އިމިގްރޭޝަން ކޮންޓްރޯލަރގެ ވަރަށް ޖޯޝް ހުރި ބަސްފުޅެކެވެ. 

"ދައްކާ ބިރަކަށް އިން ޝާ ﷲ ފަހަތަކަށް ނުޖެހޭނަން! ނުފޫޒުން އެއްކިބާވެ އިމިގްރޭޝަނުގެ ޤާނޫނު ފިރިހަމައަށް ތަންފީޒުކުރާނަން! އަދި ބިދޭސީންގެ މައްސަލައަށް އިން ޝާ ﷲ ޙައްލެއް ހޯދާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގަ. އަޅުގަނޑުމެން އަބަދުވެސް ދެމި ތިބޭނީ ރައްޔިތުންގެ ޚިދުމަތުގަ." 

މިފަދަ ބަސްފުޅުތައް މީގެ ކުރިންވެސް ވަނީ އިމިގްރޭޝަން ކޮންޓްރޯލަރުކަން ކުރެއްވި ބޭފުޅުންގެ ކިބައިން ވަރަށް ގިނައިން އަޑު އިވިފައެވެ. ބަސްތައް އަޑު އިވުނު ނަމަވެސް ރާއްޖޭގައި ޤަވާއިދާއި ޚިލާށފަށް މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އަދިވެސް ފެންނަނީ އިތުރުވަމުން އަންނަތަނެވެ. އެކަމުގެ ސަބަބުން ރައްޔިތުން ތިބީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. 

ކޮންމެ ކޮންޓްރޯލަރ އެއް އެއްގޮތް ވާނެކަމަށް ޤަބޫލުކުރުމެއް ނެތެވެ. އެހެންކަމުން ޙަނަފީގެ ބަސްފުޅަށް އިތުބާރުކުރުމަކީވެސް ކުރަން އޮތް ކަމެކެވެ. ނަމަވެސް މިކަން ޤަބޫލުކުރެވޭނީ އަމަލީ ގޮތުން މިކަން ހިނގަން ފަށައިފިކަން ލޮލަށް ފެންނަން ފެށުމުންނެވެ. އެންމެ ކުޑަމިނުން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަން ތިބި ބިދޭސީން ދިވެހި ސަރުކާރަށް ގޮންޖަހައި މަސައްކަތް ހޯދަން މަގުތަކުގައި ތިބޭ ތިބުން ހުއްޓުވިގެންނެވެ.

 

މިއަދު އޮންލައިން