ރާއްޖެއަށް ޤަވާއިދާއި ޚިލާފަށް ބިދޭސީން އެތެރެކުރާ މީހުންނާ މެދު ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރާއްޖެއަށް ޤަވާއިދާއި ޚިލާފަށް ބިދޭސީން އެތެރެކުރާ މީހުންނާ މެދު ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފި!

ރާއްޖެއަށް ޤަވާއިދާއި ޚިލާފަށް ބިދޭސީން އެތެރެކޮށް ޤާނޫނާއި ޚިލާފަށް ކަންކަން ކުރާ ފަރާތްތަކާއިމެދު އިމިގްރޭޝަނުން ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހްމަދު ޙުސައިން (ހަނަފީ) މިއަދު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހުސްކުރުމަކީ ހަމައެކަނި މަގުމަތިން އެމީހުން ހޮވައިގެން ހުއްޓުވެން އޮތް ކަމެއް ނޫން ކަމަށާއި އެންމެ މުހިންމު އެއް ކަމަކީ ޤަވާއިދާއި ޚިލާފަށް މީހުން އެތެރެކޮށް އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާ މީހުންގެ އަމަލުތައް ހުއްޓުވުން ކަމަށެވެ. 

ހަނަފީ ވިދާޅުވީ އިމިގްރޭޝަނުގެ ޤާނޫނު ފުރިހަމައަށް ތަންފީޒު ކުރައްވާނެ ކަމަށާއި ޤަވާއިދާއި ޚިލާފްވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ. "މިކަމުގައި ބައިވެރިވަނީ ހަމައެކަނި ބިދޭސީންނެއްވެސް ނޫން. ދިވެހިންވެސް ބައިވެރިވޭ. އެފަރާތްތަކާއިމެދު ފިޔަވަޅުއަޅަމުން މިގެންދަނީ." 

ޙަނަފީ ވަނީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުމަށް ވެސް އެދިވަޑައިގެންފައެވެ. "މިފަދަ ކަންކަން ކުރާ މީހުންގެ މައުލޫމާތު އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވާ! މިހާރު ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މައުލޫމާތު ދެއްވޭނެ. މިއީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. މި ޙާލަތުގަ ކަންކަން ޙައްލުކުރަން ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ. ވީމާ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފިނަމަ އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވާ! މައުލޫމާތު ދެއްވި ފަރާތުގެ ސިއްރު އަޅުގަނޑުމެން ހިފަހައްޓާނަން." ހަނަފީ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން