ޝިމާ ގެއްލުނު މައްސަލަ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ!

ކިޔުމަށް ހޭދަވާނީ 1މ 53ސ
ޝިމާ ގެއްލުނު މައްސަލަ ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ!

ލ. ކައްދޫއިން ހަމައެތަތޮޅު މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން ކަނޑަށް ގެއްލުނު ކަމަށް ބުނާ އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ މައްސަލަ ތަހުގީގު ކުރުމަކީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ، މެންޑޭޓަށް ފެތޭ ކަމެއް ނޫންކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ، ޝިމާއަށް ވީނުވީއެއް ހޯދަން އެކޮމިޝަނުން މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެ މީހުކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. އެމީހާ ބުނީ ޝިމާގެ އާއިލާއިން އޭނާއަށް ޝިމާއަށްވީ ގޮތް އެނގެން ބޭނުންވާ ކަމަށެވެ.

އެޓްވީޓަށް ޖަވާބުދެއްވަމުން ސުއޫދު ވިދާޅުވީ، އެމައްސަލަ ތަހުގީގު ކުރުމަކީ މަރުތައް ބަލާ ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ސުއޫދުގެ އެޖަވާބާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން އެކޮމިޝަނަށް އަމާޒުވެފައިވާއިރު، އެމައްސަލަ ނުބެލެންވީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު ސުވާކު ކޮށްފައިވެއެވެ.

ޝިމާ ގެއްލުނު މައްސަލަ ނުބެލެނީ، އެކޮމިޝަންގެ މެންޑޭޓުގައި ހިމެނެނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހާއި ދޭތެރޭގެ މައްސަލަތައް ކަމުގައިވާތީއެވެ. ޝިމާ ގެއްލިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަސްތެރޭގައެވެ.

މިހާދިސާގައި އެންމެ ބޮޑަށް ތުހުމަތު އަމާޒުވެފައިވަނީ، އޭނާއާއެކު އެޑިންގީގައި ދަތުރުކުރި އިބްރާހިމް ފަޒީލްގެ މައްޗަށެވެ.

ފަޒީލް ބުނެފައިވަނީ ޑިންގީ ބަންޑުން ޖަހާލުމުން، ފެންމަތީގައި އޮންނަން ހަމެއް ޝިމާ އަތަށްދީ އޭނާ ކަނޑަށް ދޫކޮށްލާފައި ފަޒީލް ދިޔައީ އެހީ ހޯދުމަށް ކަމަށެވެ.

ނަމަވެސް ފަޒީލް ހަދަނީ ދޮގުކަމަށް ބުނެ، އޭނާ ޝިމާ ގޮވައިގެން އެހެން ރަށަކަށް ދިޔައިކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. މިތުހުމަތުތަކާއި ގުޅިގެން މާމެންދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ގާދޫވެސް ބަލާފައިވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޝިމާ އެހެން ތަނަކަށް ގެންދިޔަކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި ޝިމާއާއި އެމީހުން ދަތުރުކުރި ޑިންގީގެ ނިޝާނެއް ވެސް ނުފެންނަ ކަމަށެވެ.

ފަޒީލް ދައްކާބައެއް ވާހަކަތައް ވެސް ދިމާނުވާކަމަށް ވިދާޅުވަމުން ފުލުހުން ވިދާޅުވީ ނަމަވެސް ޝިމާ ގެއްލުވާލީ ފަޒީލް ގަސްދުގައިކަން ކަށަވަރު ކުރެވޭ ވަރަށް ހެކި ލިބިފައި ނެތް ކަމަށެވެ.

މިއަދު އޮންލައިން