ރޭ ޑީޕޯޓްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަބޫ އަބޫ ޙަނީފް އަކީ އޭނާ އާއި ގުޅޭ ޝަކުވާތައް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުގައި ވެސް އޮތް މީހެއް ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ.
އިމިގްރޭޝަނުން ރޭ ބުނީ "އަބޫ އަބޫ ޙަނީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކަށް ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުޠުތަކާ ޚިލާފުވުމުގެ ސަބަބުން އޭނާ ވަނީ މިރޭ އެއާޕޯޓުން ހިފަހައްޓާ ނޯޓިސް ދިނުމަކާއި ނުލައި ހުއްދަ ބާޠިލްކޮށް ޑީޕޯޓް ކުރެވިފަ" ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ގިނަވުމުން މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސލައަކީ މަނީ ލޯންޑްރިންގެ މައްސަލަތަކެވެ. މާލޭގެ ބައެއް ފިހާރަތަކަށާއި އެޖެންސީތަކަށް އެމީހުން ފައިސާ ދެއްކުމުން ވަގުތުން ބަންގްލަދޭޝްއިން އެ ފައިސާ ލިބޭނެ އިންތިޒާމް ހަމަޖައްސައި އެކަން ގެންދަނީ ކުރަމުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިފަދަ އިންތިޒާމެއްގެ ތެރެއިން ރާއްޖެއިން ފައިސާ ބޭރުވަމުން ދިއުމުން އެންމެ ކުޑަމިނުން ބޭރުކުރާ އަދަދު ވެސް އެމްއެމްއޭއަށް އެނގޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ. އެމްއެމްއޭއަށް އެވަނީ ކޮންޓްރޯލް ގެއްލިފައެވެ. ހަމައެއާއިއެކު ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ މީހުންނަށް ލިބޭ އާމްދަނީ ސަރުކާރަށް އެނގޭނެ ގޮތެއް ނެތުމަކީވެސް ވަޒީފާގެ ބާޒާރަށް ކުރިމަތިވެފައިވާ މައްސަލައެކެވެ.