ވައި އެރުމާއި މޭ އެންދުމުގެ އުނދަގޫތަކަށް ލުޔެއް ދިނުމަށް، ގިނަ މީހުން ބޭނުންކުރާ ޒެންޓެކް އާއި އޭގެ ޖެނެރިކް ބްރޭންޑްތަކުން، ކެންސަރައް މަގުފަހިވާ މާއްދާއެއް ފެނިއްޖެ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން އިއްޔެ ބުނެފިއެވެ.
ޒެންޓެކް ނުވަތަ ރެނިޓިޑިން އަކީ ބަނޑުގައި ގޭސް އުފެދުން ނުވަތަ މޭ އެންދުމާއި އެކިކަހަލަ އެލާޖީ ހުންނަ މީހުން އެންޓިހިސްޓަމައިން އެއްގެ ގޮތުގައި ބޭނުންކުރާ ބޭހެކެވެ.
އެފްޑީއޭ އާއި ޔޫރަޕިއަން ޑްރަގް ރެގިއުލޭޓާރސް ގެ ހޯދުންތަކަށް ބަލާއިން މިބޭހާއި އޭގެ ޖެނެރިކް ބްރޭންޑުތަކު ހުރިހާ އުފެއްދުމަކުން ވެސް ކެންސަރަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ ނައިޓްރޯސޯޑިމެތީލަމައިން ނުވަތަ އެންޑީއެމްއޭ ފެނިފައިވެއެވެ.
އެފްޑީއޭގެ ޑްރަގް އިވޭލުއޭޝަން އެންޑް ރީސާރޗް ސެންޓަރުގެ ޑިރެކްޓަރ ޖެނެޓް ވުޑްކޮކް ބުނިގޮތުގައި، މިބޭހާއި ބޭހުގެ އުފެއްދުންތައް ވިއްކުމާއި ބޭނުންކުރުން ހުއްޓާލުމަށް އަދި އެސެންޓަރުން އިރުޝާދު ދީފައެއް ނުވެއެވެ. މިހާތަނަށް ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި ގްރިލް ކޮށްފައި ހުންނަ ބައެއް ކާނާއިން ވެސް މިމާއްދާ (ބޭހުން ފެނިފައިވާ ވަރަށްވުރެ) އިތުރަށް ފެނިފައިވާ ކަމަށް ވެސް ޖެނެޓް ބުނެފައިވެއެވެ.
މިބޭސް ބޭނުންކުރުން ހުއްޓާލަން އެފްޑީއޭ އިން އަދި އިރުޝާދު ދެއްވާފައި ނެތް ނަމަވެސް، އެއެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ މިމައުލޫމާތަށްފަހު މިފަދަ ބޭސްތައް ބޭނުން ކުރުން ހުއްޓާލަން ބޭނުންވާ ފަރާތަކުން ޑޮކްޓަރެއްގެ ލަފާ ހޯދުން ރަނގަޅު ކަމަށާއި ބޭސްސިޓީ އާއި ނުލާ މިފަދަ ބޭސް ގަންނަ ފަރާތްތަކުން އެބަލިތަކަށް ބޭނުން ކުރެވިދާނެ އެހެން ބޭހެއް ހޯދުން ބުއްދިވެރި ކަމަށެވެ.
ޒެންޓެކް އާއްނުކޮށް އުފައްދާ ސެނޯފީ ކުންފުނިން ބުނެފައިވަނީ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނާއި އެކުގައި، މިކަމުގައި މަސައްކަތް ކުރާން ތައްޔާރު ކަމަށެވެ.