މަންމާފުޅު ބުރުގާ އަޅުއްވަނީ މާމާފުޅު އެޅުއްވި ގޮތަކަށް ނޫން ކަމަށާއި މަންމަ ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސްގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހީން ހެދުން އަޅާ ގޮތާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅު އެހެން ގޮތަކަށް ހެދުން އަޅަން ފެށީ އެމަނިކުފާނުގެ އުމުރުން 30 އަހަރު ވީފަހުންކަމަށެވެ. ''ބުރުގާއެއް އަޅާފައި އެހެން ގޮތަކަށް ހެދުން އެޅުން ބަދަލުކުރީ. އޭގެ ކުރީގައި މާމަ ހެދުން އެޅިގޮތެއް ވެސް ހުރި. މާމަވެސް ބައެއް ފަހަރަށް ހަވީރަށްވީމަ ބުރުގާއަކަށް ބަދަލު ކުރޭ. އެހެން ނަމަވެސް އެއީކީއެއް ފަހުން މަންމަ އަޅާފަ ހުރި ބުރުގާއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ. އެގޮތުން އަޅުގަނޑުމެންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެމަނިކުފާނުގެ އަންހެން ކޮއްކޮ ހުއްޓާ "އެހެން ގޮތަކަށް" އޭނާގެ ދަރިން ހެދުން އަޅަން ފެށި ކަމަށާއި އަދި ފާއިތުވި އަހަރުތަކުގައި އެތަކެއް ގޮތަކަށް ހެދުން އެޅުމުގެ ވައްޓާފާޅިއަށް ބަދަލު އައިސް ރާއްޖެ އެހެން ގޮތަކަށް އަނބުރާލުމަށް ބަޔަކު ވަރަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހީން އަބަދުވެސް އުޅެން ބޭނުންވަނީ މާތް ވެގެންވާ އިސްލާމް ދީނުގައި ކަމަށާއި އެހެންނަމަވެސް ދިވެހީންކަން އެއްގޮތަކަށް ވެސް ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ސަގާފަތާ އާދަކާދައާ ވައްޓަފާޅިއާ ހެދުން އެޅުން ކަންކަން ކުރާ ގޮތް އެއީ އެހެން ބައެއް މީސް މީހުންނާ ތަފާތު ގޮތެއް ކަމަށާއި ނަސޭހަތަކީ އަދި އިލްތިމާސަކީ ވެސް ގޮތް ބަދަލުނުކުރުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.