ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިމާއި އެއްބަސްވުމުގެ ދަށުން ޕްލޭނިން އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާ 1.1 މިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމްކޮށްފިއެވެ.
ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިއަހަރުގެ މާޗު ހަތްވަނަ ދުވަހު ސަރުކާރުން އުވާލާފައިވާ ކަމަށާއި އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ އޮތުމުން ކަމަށެވެ.
ސްޓާރާޑާ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ބިން ހަވާލުކޮށް، ކުއްޔާއި، ޖޫރިމަނާގެ އިތުރުން ބަދަލުގެ ގޮތުގައި ޖުމްލަ 1،149،271 ރުފިޔާ ދައުލަތަށް ދެއްކުމަށާއި އަދި މިފައިސާ 30 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސް ކުރުމަށްވެސް ވަނީ ހުކުމްކޮށްފަ އެވެ.