ދިވެހި ފިލްމު އިންޑަސްޓްރީގައި ތަފާތު އަދި އެހާމެ ކާމިޔާބު އެތައް ފިލްމެއް އުފައްދާ، 52 އެވޯޑު ވެސް ހާސިލް ކޮށްފައިވާ ޑާކް ރެއިން އެންޓަޓޭންމަންޓުން އަލަށް އުފައްދާ ފިލްމު "ނޮވެމްބަރ" ގެ ޝޫޓިންގ މިހާރު ފަށައިފިއެވެ.
ޑާކްރެއިންގެ ބާނީ މުޙައްމަދު އަލީ (މޮގާ) "މިއަދުނޫހަށް" މައުލޫމާތު ދެމުން ބުނެފައިވަނީ، ފިލްމު "ނޮވެމްބަރ" ގައި އައު މޫނުތަކެއް ވެސް ފެނިގެންދާނެ ކަމަށާއި ނަމަވެސް އެއީ ކޮންބައެއްކަން ހާމަ ކުރެވޭނީ އަދި މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

"މިފިލްމުގަ އައު ތަރިންތަކެއް ވެސް ފެނިގެންދާނެ. ނަމަވެސް އެއީ ކޮންބައެއްކަމާއި އެއްވެސް ތަފްސީލެއް ހާމަ ކުރެވޭނީ އަދި މަހެއްވަރު ފަހުން" މޮގާ ބުންޏެވެ.
އަންނަ އަހަރު އޮލިމްޕަހު ސްކްރީނަށް އައުމަށް ހަމަޖެހިފައިވާ "ނޮވެމްބަރ" އިން ފެނިގެންދާނެ މައްޝޫރު ތަރިންތަކަކީ، މިހާރުވެސް ޑާކްރެއިންގެ ގިނަ ފިލްމުތަކަކުން ފެންނަމުންދާ މުޙަައްމަދު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. އެމީހުންގެ އިތުރުން ކުރީގެ ފިލްމީތަރި އިސްމާއިލް ވަޖީޙު ވެސް މިފިލްމުން ފެނިގެންދާނެއެވެ. މީގެއިތުރުން އައިޝަތު ޔާދާ ވެސް މިފިލްމުން ފެނިގެންދާއިރު ޚާއްސަ ފެނިލުމަކުން އައިޝަތު ރިޝްމީ ވެސް "ނޮވެމްބަރ" އިން ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިފިލްމުގެ މަންޒަރުތައް އަތޮޅުތެރެއާއި މާލޭގައި ވެސް ނެގުމަށް ހަމަޖެހިފައިވާއިރު، މުހިންމު މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރުގައި ކަމަށް މޮގާ ބުނެފައިވެއެވެ.

ކޮމެޑީ ފިލްމު "މާމުއި" ގެ ކާމިޔާބީއަށްފަހު ޑާކްރެއިނުން އުފައްދާ "ނޮވެމްބަރ" އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ ތަފާތު ފިލްމެކެވެ. މިފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އާއި އަޙްމަދު ތޮލާލް އެވެ. ފިލްމުގެ ސިނަމަޓޮގްރަފީ އަޙްމަދު ޝިނާން އާއި އަލީ ޝިފާއު ހަދާފައިވާއިރު، "ނޮވެމްބަރ" ޑައިރެކްޓް ކޮށްފައިވަނީ ވެސް އަލީ ޝިފާއު (ޗިއްޕެ) އެވެ.