މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގައި އަމަލު ކުރަން ޖެހޭ ބައެއް ވަންވޭ މަގުތަކަށް ބަދަލު ގެނެސްފިއެވެ.
މާލޭގެ ވަންވޭތަކަށް ގެނައި ބަދަލުތައް ފާސްކުރީ މާލެ ސިޓީ ކައުންސިލުން މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެ ކައުންސިލްގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އަލިކިލޭގެފާނު މަގު، ހުސްނުހީނާމަގު އަދި ފާށަނާކިލޭގެފާނުމަގު ކުރިން އޮތް ގޮތަށް ވަންވޭ އަށް ބަދަލު ގެނައުމަށް ސިޓީ ކައުންސިލް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށާއި މީގެއިތުރުން ހިތަށް ފިނިވާމަގު، ހުސްނުހީނާމަގާއި ނޫރާނީ ގޯޅިއާ ދެމެދު ދެކޮޅަށް ދުއްވާ މަގަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ޝަހީދުކުޑަ އާދަމް ކުޑަތުއްތު ހިނގުން، ލިލީ މަގާއި ދަރުމަވަންތަ މަގާ ދޭތެރެ ވަނީ ދެކޮޅަށް ދުއްވާ މަގަކަށްވެސް ބަދަލުކޮށްފަ އެވެ.
ހިލާލީ މަގު، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭގައި ވެސް ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސައިފައެވެ.
