މިސްކިތައް އަރައި، ވަކިން ޖަމާއަތުގައި ނަމާދުކުރާ ގްރޫޕެއްގެ ބަޔަކު ޝެއިޚް މުޙައްމަދު އަނީލްގެ ފައިވާނުގެ ވަދު އިއްޔެ ބުރިކޮށްލައިފިއެވެ.
ފައިވާނުގެ ފޮޓޯއަކާއެކު ޓްވީޓް ކުރައްވަމުން ޝެއިޚް އަނީލް ވިދާޅުވީ، އިއްޔެ ޢަޞްރު ނަމާދުން ފޭބިއިރު ޝެއިޚްގެ ފައިވާނުގެ ވަދު ބުރިކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އާއްމުކޮށް މިސްކިތުގެ ޖަމާޢަތް ނިމޭފަހުން މިސްކިތައް އަރައި، ވަކިން ޖަމާއަތުގައި ނަމާދުކުރާ ގްރޫޕެއްގެ ބަޔަކު ކަމަށް މިސްކިތައް އެގަޑީގައި އެރި ބައެއް މީހުން ބުނި ކަމަށެވެ.
"ދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމާއި ދެކޮޅަށް އަޅުގަނޑު ދައްކާ ވާހަކަތަކާ ގުޅިގެން މަގުމަތިންނާއި މިސްކިތް ދޮށުން ދިމާކޮށް ފުރައްސާރަ ކުރުމާއި، ސޯޝަލްމީޑިއާ މެދުވެރިކޮށް އިންޒާރު ދިނުމަކީ ތަކުރާރުކޮށް ކުރިމަތިވަމުންދާ ކަންތައްތަކެއް. ފަހަކަށް އައިސް މިކަން އިތުރުވެފައިވޭ" ޝެއިޚް އަނީލް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޝެއިޚް ވިދާޅުވީ މިކަންތަކާއި ގުޅިގެން، އަދުގެ ސަރުކާރާއި ފުލުހުންގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށެެވެ. އަދި އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނަޅައި ދިޔުމުގެ ފިކުރު ފަތުރައި ފުރާވަރުގެ ކުދިން ގޮވައިގެން ރޭގަނޑު ޢިޝާ ފަހުން ނުވަގަޑިބައި ދިހައެއް ޖަހާއިރު މިސްކިތްތަކުގައި މިބަޔަކު ތިބޭކަމީ އައްޑޫގެ ގިނަރަށްރަށުގެ މިސްކިތްތަކަށް އަރާމީހުންނަށް އެނގޭ ހަގީގަތެއް ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.
"ފާރުތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ފޮތްތަކާއި ޛިކުރު ޕޯސްޓަރުތަކުގައި ހުންނަ ދައުލަތުގެ ނިޝާން ކަނޑާލުމާއި ކަލަންޑަރުތަކުގައި ކުރެހުމާއި މިސްކިތްތަކުގައި ހުންނަ ޤުރުއާން ތަރުޖަމާ ފަދަތަކެތި ވަގަށް ނެގުން ފަދަ ކަންތައްތަކަކީ ޢާއްމުކޮށް މިބައިމީހުން ކުރާ ކަމެއް" ޝެއިޚް ވިދާޅުވިއެވެ.