ޤަވާއިދާ ޚިލާފަށް ގެންގުޅުނު ބަންގްލަދޭޝް މީހަކު މަރުވުމުން ވެސް އެމްބަސީން ހަވާލެއް ނުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޤަވާއިދާ ޚިލާފަށް ގެންގުޅުނު ބަންގްލަދޭޝް މީހަކު މަރުވުމުން ވެސް އެމްބަސީން ހަވާލެއް ނުވި!

ޅ. ހިންނަވަރުގައި ޤަވާއިދާއި ޚިލާފަށް ގެންގުޅުނު ބަންގްލަދޭޝް މީހަކު މަރުވުމުން ވެސް އެމީހާގެ އެއްވެސް ކަމަކާއި ރާއްޖޭގައި ހުރި ބަންގްލަދޭޝް އެމްބަސީން ޙަވާލުނުވި މައްސަލައެއް ފެންމަތިވެއްޖެއެވެ. 

ހިންނަވަރު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި މީހާއަކީ ހިންނަވަރުގައި ގައު އެޅުމުގެ މަސައްކަތްކުރާ ފަރާތަކުން މަސައްކަތްކުރުވަން ގެންގުޅުނު މީހެކެވެ. އޭނާގެ އަތުގައި ޕާސްޕޯޓްވެސް އަދި އެހެން ލިޔުމެއްވެސް ނެތުމުން ރާއްޖޭގައި ހުރި ބަންގްލަދޭޝް އެމްބަސީއަށް ގުޅުމުން ގަވާއިދާއި ހިލާފަށް އުޅޭ މީހުންނަކީ އެމްބަސީއާ ގުޅުމެއް އޮންނަ ބައެއް ނޫން ކަމަށާއި އެމީހުން އެގޮތަށް އުޅެނީ އެމީހުން އަމިއްލައަށް ކަމަށްބުނެ އެމްބަސީން އޭނާއާ ހަވާލެއް ނުވިއެވެ. 

މިއީ ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ލައްވައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރުވާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެއްކަން ފާހަގަކުރެއެވެ. ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމަކީ މަނާކަމެއްކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މަސައްކަތް ކުރުވާ މީހުންނާއިމެދު އަޅާ ފިޔަވަޅެއް ނުއެނގެއެވެ. 

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީންގެ މައްސަލަތައް ޙައްލުކުރަން ސަރުކާޜުން މިހާރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެ މަސައްކަތް ފެށުމަކީ ޤަވާއިދާއި ޚިލާފަށް ތިބި މީހުންލައްވައި ޤަވާއިދާއި ޚިލާފަށް މަސައްކަތް ކުރުވުން ހުއްދަކުރާ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައެއް ނުވެއެވެ. 

މިމީހާ މަރުވި ކަމަށް ވަނީ ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު އެވެ. އޭނާ ވަޅުލުމުގެ ހުއްދަ ނެތުމުން މޯޗަރީއަށް ފޮނުވާ ކަމުގެ މައުލޫމާތު ހިންނަވަރު ކައުންސިލަރު ވަނީ ދެއްވައިފައެވެ. 

މޯޗަރީގައި ހަށިގަނޑު ބޭއްވުމަކީ އެކަމަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަކަށްވާއިރު އޭނާގެ ހަށިގަނޑު މޯޗަރީގައި ބާއްވައިފިނަމަ ނުކުންނާނެ މައްސަލަތައް ހުންނާނެކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން