ގޯޅީގައި އަބަދުވެސް ގިނަ ދުވަސްވަންދެން ތަކެތި ބަހައްޓާތީ ރައީސް ޞާލިޙްގެ ސަމާލުކަމަށް ގެންނަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގޯޅީގައި އަބަދުވެސް ގިނަ ދުވަސްވަންދެން ތަކެތި ބަހައްޓާތީ ރައީސް ޞާލިޙްގެ ސަމާލުކަމަށް ގެންނަނީ!

މ.ހަނދުވަރީ ހިނގުމުގައި އެމްއެންއެސްއެލް ނިޔުޕްލާޒާ ކުރިމަތިން އޮންނަ ގޯޅީގައި އަބަދުވެސް ގިނަ ދުވަސްވަންދެން ތަކެތި ބަހައްޓާތީ އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް ގެންނަން ގޯޅީގައި ދިރިއުޅޭ ބައެއް މީހުން ނިންމައިފިއެވެ. 

އެމީހުން ބުނަނީ އެ ގޯޅީއަކީވެސް އެތައް ސަތޭކަ ބައަކު ދިރިއުޅޭ ގޯޅިއެއް ކަމަށާއި ސަރުކާރުން ހަދާފައިވާ ގޯޅިއެއް ކަމަށެވެ. ނަމަވެސް އަބަދުހެން ގޯޅީގައި ގިނަ ދުވަސްވަންދެން ތަކެތި ބަހައްޓާ ކަމަށާއި އެކަން މާލޭގެ ސިޓީ ކައުންސިލުގެ ސަމާލުކަމަށް ވަނީ އެތައް ފަހަރަކު ގެނެވިފައި ކަމަށެވެ.  

"މިހާރުވެސް މަގުގެ ދެފަރާތުގަ ލަކުޑި ފިލާތަކެއް ބަހައްތާފައި ހުންނަތާ މަސްދުވަސްވެއްޖެ. ފެންނަ ބައަކު ނެތް. އަޅައިލާނެ ބައަކު ނެތް. ސައިކަލު ބަހައްޓަން ހުރި ޖާގަކޮޅު ބަންދުވެފަ ހުންނާތީ ވަރަށް ދަތިވޭ. މިއީ އަބަދުވެސް މީހުން ވަދެ ނުކުމެވާ ގޯޅިއެއް. ބުރިބުރިއަށް ހުރި އިމާރާތްތަކުގައި މީހުން ދިރިއުޅޭ ގޯޅިއެއް. އެންމެން ދިރިއުޅެނީ މަޖީދީމަގު ފަދަ ބޮޑެތި މަގުތަކަކު ނޫން." 

އެމީހުން ބުނީ މިކަން ހުއްޓުވޭނެ ގޮތެއް އޮތްތޯ ބަލަން ފިލާތައް ވެހިކަލަކަސް އަރުވައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ ސަރަހައްދަށް ދާން މަސައްކަތްކުރާނެ ކަމަށެވެ. "އަޅުގަނޑުމެން މިދަނީ މުޒާހަރާ ކުރާކަށް ނޫން. މިކަމަށް ހައްލެއް ފެނޭތޯ މަސައްކަތްކުރަން."

މިއަދުނޫހަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އިއްޔެ ވަނީ އެތަކެތި ބެހެއްޓި ފަރާތެއް ހޯދަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެތަކެތި އަދިވެސް ނަގާފައެއް ނުވެއެވެ.

 

މިއަދު އޮންލައިން