ދިރާގު ވަނީ ދިވެހިންނަށް ވަޒީފާ ދިނުމުގަ މުޅި ރާއްޖެއަށް ގޮންޖަހައި ނަމޫނާ ދައްކާފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދިރާގު ވަނީ ދިވެހިންނަށް ވަޒީފާ ދިނުމުގަ މުޅި ރާއްޖެއަށް ގޮންޖަހައި ނަމޫނާ ދައްކާފަ!

ދިރާގަކީ އެންމެ ގިނަ އަދަދެއްގެ މުވައްޒިފުން މަސައްކަތްކުރާ އެއް ކުންފުންޏެވެ. އެހެންކަމާއިއެކުވެސް ކުންފުނީގައި މަސައްކަތްކުރާ ދިވެހި މުވައްޒިފުންގެ ނިޞްބަތަކީ 99 އިންސައްތައެވެ. މިއީ ރާއްޖޭގެ އެހެން ކުނފުނިތަކާއި އަޅައިބަލާއިރު ރެކޯޑް އަދަދެކެވެ.  

ދިރާގު އުފެދިގެން އައިއިރު ރާއްޖޭގައި ކަމުގެ އެއްވެސް މައުލޫމާތެއް، ތަޖުރިބާއެއް ލިބިފައި ތިބީ ވަރަށް މަދުބައަކަށެވެ. އެމީހުންނަށްވެސް އެނގެނީ ހަމައެކަނި ގޭގެއަށް ފޯނު ގުޅައިދިނުމާއި އެކަމާއި ގުޅުންހުރި ކަންކަމެވެ. އެންމެ މޮޅު ޓެކްނީޝިއަނުންނަށް އެނގެނީ ހަމައެކަނި އެއިރު ހުރި ފޯން އެކްސްޗޭންޖްގެ ކަންކަމެވެ.  

ކޭބަލްއެންޑް ވަޔަރލަސް އިން ރާއްޖޭގައި ޚިދުމަތްދޭން ފަށައި އެންމެ ބޮޑު އިސްކަމެއް ދިނީ މަސައްކަތްކުރާނެ ފަންނީ މީހުން ބިނާ ކުރުމަށެވެ. ދިވެހިންނަށް މަސައްކަތް ދަސްކޮށް ދިނުމަށެވެ. ނަތީޖާއެއްގެ ގޮތުން ދިރާގު ފަށައި ހިންގަމުން އައިދުވަސްވަރު ބޭރުގެ ހަމަ އެކަނި އެންމެ މުވައްޒިފަކު ހުރެގެންވެސް ކުންފުނި ވަނީ ހިންގައި ކުރިއެރުންތައް ހޯދައިފައެވެ.  

މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ކުންފުނީގެ ހިއްޞާއަށް ގެނެވުނު ބަދަލުތަކާއިއެކު މިހާރުވެސް ދިރާގުގައި މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު ދެއަތްތިލައިގެ އިނގިލިތަކުން ގުނައިލެވޭނެއެވެ. މިއީ ރާއްޖޭގެ ހުރިހާ ކުންފުނިތަކަށް ނަމޫނާ އަދަދެކެވެ. ޚާއްޞަކޮށް ސަރުކާރުގެ ކުންފުނިތަކުން ވިސްނަން ޖެހޭނެ ކަމެކެވެ.  

ދިރާގުން އަބަދުވެސް ބުނަމުން އަންނަނީ އެކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ ތަނުގައި ޚިދުމަތްކުރާ މުވައްޒިފުންކަމެވެ. ކުންފުނި ކުރިއަރައި ޚިދުމަތްތައް ފުޅައުކުރެވެމުން އަންނަނީ އަދި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރެވެމުން އަންނަނީ މުވައްޒިފުންގެ މަސައްކަތުން ކަމަށެވެ.

 

 

މިއަދު އޮންލައިން