މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާކް-އެމްޑީއެންގެ އިސްފަރާތްތައް ހިފާ ހައްޔަރުކުރަން އިސްލާމީ މަރުކަޒުގެ އިމާމް ޝައިކް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ.
"ދިވެހިރާއްޖޭގަ އުފެދުނު ފުރަތަމަ ލާދީނީ ޖަމާޢަތް (މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާކް-އެމްޑީއެން)ގެ އިސްފަރާތްތައް ހިފާ ހައްޔަރުކުރަން ގޮވާލަން. އެމީހުން އިސްލާމް ދީނަސް ކުރާ ފުރައްސާރައަކީ އޮޅިގެން ކުރެވުނު ކަމެއް ނޫން. އެއީ މިދިވަހި ފަސްގަނޑުން އިސްލާމް ދީން ފުހެލުމަށްޓަކައި ލާދީނީ ބައަކު އަޑީގައި ތިބެގެން ހިންގާ ބޮޑު ޖަރީމާއެއް."
އިމާމް ޝައިޚް އިބްރާހީމް ރަޝީދު ފޭސްބުކްގައި ލިޔުއްވި ލިޔުއްވުން ޔަޤީންކުރަން މިއަދުނޫހުން ގުޅުމުން ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކުރުން ހުއްޓުވޭނީ އެކަން ކުރާ މީހުންނާއިމެދު ފިޔަވަޅު އަޅައިގެން ކަމަށެވެ. އަދި އެ ބަސްފުޅަކީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން ބޭނުންވާ ދިވެހި މުސްލިމެއްގެ ހައިޞިއްޔަތުން ފަރުދީ ގޮތުން ވިދާޅުވެފައިވާ ބަސްފުޅެއް ކަމަށެވެ.
