ޢިލްމުވެރިން ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ބާއްވަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޢިލްމުވެރިން ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ބާއްވަން ނިންމައިފި

ރާއްޖޭގައި އިސްލާމް ދީނަސް ކުރިމަތިކުރުވަމުން ގެންދާ މައްސަލަތަކާއި ގުޅިގެން ދީނީ ޢިލްމުވެރިން މިއަދު ބާއްވަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުން އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ބާއްވަން ނިންމައިފި އެވެ. 

ދީނީ ޢިލްމުވެރިންނާއިއެކު އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޢިލްމުވެރިން ވިދާޅުވީ އެބޭފުޅުން މިއަދު ބާއްވަން ހަމަޖެއްސެވި ނޫސްވެރިންގެ ބައްދަލުވުންވެސް ބާއްވަން މިހާރު ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެން ކަމަށެވެ. "އަޅުގަނޑުމެން ވަރަށް އަވަހަށް ނޫސްވެރިންނާ ބައްދަލުކުރާނަން. އަޅުގަނޑުމެން މިތިބީ އެންމެ ފުކެއްވެސް މިކަމުގަ ފަހަތަށް ޖެހޭ ގޮތަކަށް ނޫން. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް މަތިވެރިކުރަން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ގެންދާނީ ކުރަމުން." 

އިސްލާމިކް މިނިސްޓްރީން ދިނީ ޢިލްމުވެރިންނާއި ގުޅިގެން މަސައްކަތްކުރަން ނިންމުމުން އެކަމަށް ދީނީ ޢިލްމުވެރިން ވަނީ މަރުޙަބާ ވިދާޅުވެފައެވެ. "މިއީ ވަރަށް ބޮޑު ޤައުމީ މައްސަލައެއް. ކުރަން އޮތީވެސް ވަރަށް ބޮޑު ދީނީ އަދި ޤައުމީ މަސައްކަތެއް. އެ މަސައްކަތް ކުރަން ހުރިހާ ޢިލްމުވެރިން ތިއްބެވީ ހަމަ އެއް ރޫޙެއްގައި. ވީމާ އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ ބައިވެރިވުމާ އެހީތެރިކަން އަޅުގަނޑުމެން ބޭނުން." ކަމަށްވެސް ވިދާޅުވިއެވެ. 

ރާއްޖެއިން އިސްލާމް ދީން ފުހެލުމަށްޓަކައި ރާއްޖޭގައި އުފައްދައިގެން އުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ދީނީ ޢިލްމުވެރިން ގުޅިވަޑައިގެން އެކުގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަން މިއަދުނޫހުން ވާނީ ފާހަގަކޮށް އެކަމަށް އިލްތިމާސްކޮށް އާދޭސްވެސް ކޮށްފައިކަން ފާހަގަކުރަމެވެ.

 

މިއަދު އޮންލައިން