ރަސޫލް (ޞޢވ) އަށް ކުޑައިމިސް ބަހެއް ބުނެފިނަމަ އެމީހެއްގެ އިސްލާމްވަންތަކަމެއް ނުއޮންނާނެ ކަމާއި އެފަދަ ކަމެއް ކުރުމަކީ އެމީހަކު ދީނުން ބޭރުވެގެން ހިނގައިދާނެ ކަމަކަށްވާތީ މުސްލިމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭކަން އެފަދަ ކަންކަން ކުރާ މީހުންނަށް އަންގައިދިނުން ވަރަށް މުހިންމު ކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިނ ޑރ. ޒަކަރިއްޔާ ވިދާޅުވީ ބައެއް އެހެން ދީންތަކުގެ މީހުން މިބާވަތުގެ ކަންކަން ކުރުމަކީ އެހައި ސީރިއަސް ކަމެއްގެ ގޮތުގައި ނުނެގި ނަމަވެސް މުސްލިމުން އެފަދަ ކަންކަން ވަރަށް ސީރިއަސްކޮށް ނަގާކަމަށެވެ.
ދިވެހިންނަކީ ރާއްޖޭގައި ކުރިމަތިވާ މައްސަލަތަކަށް ކުރިމަތިލައި ހައްލު ހޯދުމުގެ ކުޅަދާނަކަން ލިބިގެން ތިބި ބައެއް ކަމަށާއި މިފަދަ އަމަލުތައް ކުރުމުން ކޮންމެ މުސްލިމަކަށްވެސް ވަރަށް އަސަރުކުރާނެ ކަމަށްވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.