"ލާދީނީ" އަދި "ހަރުކަށި ފިކުރު" ސަރުކާރުގެ ތެރެއިން ނައްތައިލަން ޖެހޭކަން ފާހަގަކޮށް ސަރުކާރުގައި ތިބި "ލާދީނީ" އަދި "ހަރުކަށި ފިކުރު" ތަކުގެ މީހުން ވަކިކުރަން ގޮވާލާ އަޑު ދަނީ ގަދަވަމުންނެވެ.
އިސްލާމް ދީނާއި ދެކޮޅުވުމަށް ވެސް އަދި ފިކުރު ހަރުކަށިކޮށް ހައްދުފަހަނަޅައި ދިއުމަށްވެސް މިސަރުކާރުން ފުރުޞަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ވިދާޅުވަމުންކަން ފާހަގަކޮށް ގިނަ ބައަކު ބުނަނީ އިސްލާމް ދީނާއި ކަނޑައެޅިގެން ދެކޮޅު، އިސްލާމް ދީނުގެ ޢަދާވާތްތެރިން ސަރުކާރުގެ އިސް މަޤާމްތަކުގައި ތިބިކަން މިހާރު މިވަނީ ވަރަށް ސާފުކޮށް އެނގިފައި ކަމަށެވެ.
"ދެން ސަލާމަތް ނުވެވޭނެކަން އެނގޭ ހިސާބަށް ދިއައިމަ ސަރުކާރުގެ ބޮޑު މަޤާމު ގެއްލިދާނެތީ އެމްޑީއެންއިން ވަކިވުމަކުން ނުވަތަ އެމްޑީއެންގައި ހުރި މަޤާމުން އިސްތިއުފާ ދިނުމަކީ އެމީހާގެ ފިކުރު ބަދަލުވާނެ ކަމެއް ނޫން. އެއީ ސަރުކާރުގެ ބޮޑު މަޤާމު ދިފާޢުކުރަން ކުރާ ކަންކަން. މަށަކީ ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުކުރާ މީހެއް ނޫން ކަމަސް ބުނެ ދުނިޔެއަށް އިއުލާނުކޮށްގެން ތިބި މީހުން ސަރުކާރުގެ އިސް މަޤާމުތަކުގައި ބެއިތިއްބުމަކީ ދިވެހި މުސްލިމް ރައްޔިތުންނަށް ސަރުކާރުން ކުރާ ވަރަށް ބޮޑު އަނިޔާއެއް. މާތް ﷲ އަށާއި އެކަލާނގެ ރަސޫލާ (ޞޢވ) އަށް ފުރައްސާރަކުރާ މީހުންނާއިމެދު ފިޔަވަޅު ނުއެޅުމަކީ އެކަންކަމަށް ހިތްވަރު ދިނުން ނޫން ކަމަކަށް ނުހެދޭނެ." ކަމަށްވެސް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
"ޒީރޯ ޓޮލެރެންސް އޮންނަންޖެހޭނީ ހަމައެކަނި ކަރަޕްޝަން އަކަށް ނޫނެވެ. އެންމެ ފުރަތަމަ ޒީރޯ ޓޮލެރެންސް އޮންނަންޖެހޭނީ "ލާދީނީ" އަދި "ހަރުކަށި ފިކުރު" ތަކުގެ ބޭފުޅުންނާއި ދެކޮޅަށެވެ. އެފަދަ ފަރާތްތައް ސަރުކާރުގެ މަގާމުތަކުން މިހާރުން މިހާރަށް ބޭރު ކުރަންޖެހެއެވެ." - އަދުހަމް