ރ. އަތޮޅު ފަޅުރަށެއްގެ ބޭރުން އިއްޔެ ފީނަން ގޮސް އުޅެނިކޮށް ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިވި ޒުވާނާގެ ފައި ގުޅުވެން ނެތިގެން މިއަދު ބުރިކޮށްލައިފި އެވެ.
ރ. ނެއޮ ކިޔާ ފަޅު ރަށެއްގެ ބޭރުގައި ފީނަށް އޮއްވާ ޑިންގީއެއްގެ ބުރަފަތިންޖެހި ޒަޚަމްވީ އެއަތޮޅު އިހަވަންދޫއަށް ނިސްބަތްވާ އަބްދުﷲ ހަލީމް (27އ.) އެވެ.
އެނގިފައިވާ ގޮތުގައި ހަލީމްގެ ފައިގާ ބުރަފަތިން ޖެހުނީ ފީނަން އޮވެފައި ފެނުން މައްޗަށް އެރި ގަޑީގައެވެ.
ބުރަފަތިން ޖެހި ހަލީމްގެ ވާތު ފައިގެ ކުޑަހުޅުގެ މަތިން ވަރަށް ބޮޑުބައެއް ބުރިވި އެވެ. ފައި ވަކި ނުވެ ހަރުލާފައި އޮތީ ކުޑަކުޑަ ތަންކޮޅަކުންނެވެ. ކުޑަހުޅު މަތިން ބުރިވުމުގެ އިތުރުން ވެސް ބުރަފަތިން ޖެހި ފައިގެ އެހެން ތަންތަން ވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައި ހުއްޓެވެ.
ހަލީމްގެ ބޭބެ، އަބްދުﷲ ލަތީފް އޭޑީކޭގައި ހުރެ ބުނީ ފައި ގުޅުވޭނެ އިތުރު ގޮތެއް ނެތިގެން، މިއަދު އޮޕަރޭޝަންކޮށްގެން ފައިގެ އެހެން ހިސާބަކުން ފައި ބުރިކޮށްލައިފައިވާ ކަމަށެވެ. ފައި ބުރިކޮށްލީ ކަކުލު ހުޅުން ކުޑަ ތަންކޮޅެއް ތިރިން ކަމަށާއި އޭރުން ފައެއް ޖަހައިގެން ހިނގޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައިވާ ކަމަށް އޭނާ ބުންޏެވެ.