އެމްޑީއެން ސަސްޕެންޑް ކުރުމުން އެމްޑީއެންގެ ފައުންޑަރ މެންބަރު ޝަހިންދާ އިސްމާޢީލް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންޒާރު ދީފިއެވެ.
ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓްރީން އެމްޑީއެން ސަސްޕެންޑްކުރިކަން މިއަދު އިއުލާނުކުރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޓެގްކޮށް ޝަހިންދާ ކޮށްފައިވާ ޓްވީޓެއްގައިވަނީ އެމްޑީއެން ސަސްޕެންޑު ކުރިއިރު މައްސަލަ ބޮޑުވެފައިވާ އެޖަމްޢިއްޔާގެ ރިޕޯޓާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުސަތުވެސް ދީފައިނުވާ ކަމަށާއި ފިޔަވަޅު އަޅާފައިވަނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިނަލްއަގުވާމީ މުޖުތަމައުގައި ޖަވާބުދާރީވާން ޖެހޭނެކަމަށެވެ.
އެމްޑީއެން ސަސްޕެންޑްކުރީ އިސްލާމް ދީނާއި މުސްލިމުންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް އަދި ކީރިތި ޤުރްއާނުގެ އާޔަތަކަށް އިންކާރުކޮށް ހައްދުފަހަނައަޅާފައިވާ ދޮގު ވާހަކަތަކާއެކު ރިޕޯޓެއް ނެރެ އެކިފަހަރު މަތިން ރިޕޯޓަށް ޞަފްޙާ އިތުރުކޮށްފައިވާ މައްސަލައިގައެވެ.
ޝަހިންދާއަކީ އެމްޑީއެންގެ ދިފާޢުގައި އެންމެ ފާޅުކަންބޮޑު ގޮތެއްގައި ވާހަކަދައްކަމުންދާ އެޖަމްޢިއްޔާގެ ފައުންޑަރު މެމްބަރެކެވެ. ޔޫތު މިނިސްޓްރީން މިއަދު ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާ ސަސްޕެންޑްކޮށް، ޖަމިއްޔާގެ މަސައްކަތްތައް ހުއްޓާލުމަށް އަނގައިފައެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަމްޢިއްޔާ ސަސްޕެންޑްކޮށް މަސައްކަތްތައް ހުއްޓާލުމަށް އެންގީ އެޖަމްޢިއްޔާއިން ލިޔެ ޝާއިޢުކޮށްފައިވާ "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ މައްސަލަ، އެ އިދާރާއިން ތަޙްގީގުކުރަމުންދާތީކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހުރި އިސްލާމް ދީނާއި ޚިލާފްވާ ގިނަ މައްސަލަތަކެއް ފާހަގަކޮށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ބައްދަލުކޮށްފައެވެ. އެބައްދަލުވުކުރެއްވުމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެކަމާއި ގުޅިގެން ޤާނޫނީ ގޮތުން އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ.
