ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރަމުން ގެންދާ އެމްޑީއެން އިން މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަކޮށް މާލާމާތް ކުރަމުން ގެންދާތީ އަދި އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފް ކަންކަން ކުރަމުން ގެންދާތީ ޔޫތް މިނިސްޓްރީން އެ ޖަމިއްޔާގެ މަސައްކަތްތައް މިއަދު ހަވީރު ސަސްޕެންޑް ކުރުމާއި ގުޅިގެން ރާއްޖެއަށް އިސްލާމް ދީން ނޫން އެހެން ދީންތައް ގެނައުމަށް މަސައްކަތްކުރަމުން ގެންދާ ބޭރުގެ ބައެއް ޖަމާއަތްތަކުން މިހާރުވެސް ގެންދަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންޒާރުދީ ޓްވީޓްތައް ކުރަމުންނެވެ.
މިގޮތުން ކުރި ބައެއް ޓްވީޓްތަކުގައި ބުނެފައިވަނީ އެމްޑީޕީއަކީ ޑިމޮކްރެޓިކް ޕާޓީއެއް ކަމަށާއި ޑިމޮކްރެޓިކް އުޞޫލުތައް އެންމެ ފުރިހަމަ ގޮތުގައި އެޕާޓީ އާއި ސަރުކާރުން ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
މިފަދަ އެންގުންތައް އަންގާ ފަރާތްތަކަށް ނުއެނގޭ ކަމަކީ ރާއްޖޭގައި ވެސް ޤާނޫނު އަސާސީއެއް އޮންނަ ކަމާއި ވެރިކަން ކުރަން ރައްޔިތުން ހަވާލުކުރަނީ ޤާނޫނުގެ ތެރެއިން ކަމެވެ. އަދި ޑިމޮކްރަސީއަކީ ރައްޔިތުންގެ އަޣްލަބިއްޔަތުކަމާއި ރާއްޖޭގައި ކަންކަން ކުރެވޭނީ ރައްޔިތުންގެ މެޖޯރިޓީ ނުވަތަ އަޣްލަބިއްޔަތު ބޭނުންވާ ގޮތަށް ކަމެވެ.
ރާއްޖޭގައި އިސްލާމް ދީން އެހެން ދީންތަކަށް ފުރުޞަތު ދިނުމަކީ ރައްޔިތުންގެ 99.9 އިންސައްތަ ތާއީދުކުރާނެ ކަމެއް ނޫނެވެ. ހަމައެއާއިއެކު މިހާރުގެ ރައީސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި އިސްލާމް ދީން ފުރިހަމައަށް ޙިމާޔަތްކުރައްވާނެ ކަމުގެ ވައުދާއިއެކުގައެވެ.