ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިކަމަށްޓަކައި ހދ.ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީންއެވެ.
މިއަދު ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނީޓަރިން) ހެދިގެންދާނެއެވެ. ވޭތުވެދިއަ 1 އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވެއެވެ. އެގޮތުން ރެފަރ ކުރެވުނު ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކުރެވިފައިވާ ބަލިމީހުންނެވެ. އަދި މިގޮތަށް ރެފަރ ކުރާއިރު، ޗާޓަރ ފްލައިޓް އިން ރެފަރ ކުރާނަމަ ރެފަރ ކުރެވޭ ކޮންމެ ބަލިމީހަކަށް 125600 ރުފިޔާ ޚަރަދު ކުރެވެއެވެ. އަދި ޝެޑިއުލްޑް ފްލައިޓް އިން ރެފަރ ކުރާނަމަ 14966 ރުފިޔާ ޚަރަދު ކުރެވެއެވެ. މީގެއިތުރުން ރެފަރ ކުރެވޭ ބަލިމީހާއާއި އާއިލާގެ އަތުން އެތަކެއް ޚަރަދުތަކެއް (ހުރުމާއި ކެއުން ފަދަ) ކުރަންޖެހެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެއެވެ.
އެވްރެޖްކޮށް 305 ބަލިމީހުން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. އަދި ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ޚިދުމަތް ހޯދައެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތްހޯދުމަށް ހދ، ހއ އަދި ށ އަތޮޅުން އާދެއެވެ. ހދ ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެމުންއާދެއެވެ.
މިއަދު ރަސްމީކޮށް ހުޅުވިގެންދިއަ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ. ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިދުމަތް ފެށުނު ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލް ގެ މަސްރޫއުގެ ދަށުން ހިމެނޭކަމެކެވެ.
- -ހެލްތް މިނިސްޓްރީ