ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ނެރުނު "ސެޓަނިކް ރިފޯމް ޕޭޕަރސް" ގައި ހުރީ ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށް ވިދާޅުވެ "އެކުދިން" ގެ މަސައްކަތް ދިފާޢު ކުރައްވާ ރައީސް މުޙައްމަދު ނަޝީދު ފަދަ ބޭފުޅުން އަދިވެސް ވިދާޅުވާނީ އެ ރިޕޯޓުގައި ހުރީ ތަރުޖަމާ ކުރުމުގެ މައްސަލައެއް ކަމަށްތޯއެވެ؟
އެމްޑީއެންގެ ރިޕޯޓާއިމެދު ދީނީ ޢިލްމުވެރިން ހާމަ ކުރެއްވި ބައެއް މަޢްލޫމާތު:
މިރިޕޯޓަކީ ރާއްޖޭގައި ދީނީ ހައްދު ފަހަނައަޅާފައިވާ މިންވަރު ބެލުމުގެ ނަމުގައި ބޭރު ޤައުމެއް (..............) ގައި ހިންގާ އަމިއްލަ (.....) ޖަމްޢިއްޔާއެއް ކަމުގައިވާ (...) ގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ، ޢާންމު ރައްޔިތުންގެ ތެރެއިން އެކިއެކި ފަރުދުންނާއި ސަރުކާރުގެ މުއައްސަސާތަކާއި އެތަންތާނގެ އެކި ފަންތީގެ މުވައްޒަފުންނާއި އަމިއްލަ މުއައްސަސާތަކުގެ ތެރެއިން ޚަބަރުދާރުކޮށްގެންނާއި އަދި އެއްވެސް ގޮތަކަށް ނާންގައި އޮޅުވާލައިގެންނާއި މީސްމީޑިއާގައި ހުރި ރަސްމީ އަދި ގޮތް ނޭނގޭ ނުރަސްމީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ލިޔެ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
މިރިޕޯޓުގެ އެކިއެކި ޗާޕުތައް އުޅޭކަމަށް އަޅުގަނޑުމެންނަށް ވަނީ ޔަޤީން ކުރެވިފައެވެ. އޭގޮތުން 25 ޞަފްޙާގެ ޗާޕަކާއި، 125 ޞަފްޙާގެ ޗާޕަކާއި، 149 ޞަފްޙާގެ ޗާޕެއް ވެސް އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ.
ވީމާ، މި ރިޕޯޓާ މެދު މިބޭއްވޭ ޕްރެސް ކޮންފަރެންސްގައި ހުށައެޅޭ ސްލައިޑްތަކުގައި ފެނިގެންދާ ޞަފްޙާ ނަންބަރުތަކުގައި އިސްފަސްވުމެއް ހުރެދާނެއެވެ.
މިރިޕޯޓުގައި ހުރި އިސްލާމްދީނާ ޢަދާވާތްތެރި ނުރައްކާތެރި ޙަޤީޤާތެއް ނެތް ތުހުމަތުތަކާއި ޙަމަލާތަކާ ބެހޭގޮތުން ޢާންމުންގެ މެދުގައި ވާހަކަ ދެކެވި މުޅި ޤައުމުގެ ސަމާލުކަމަށް އޭގެ ވާހަކަ އައުމާއެކު ހަމަ ވަގުތުން ، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން ވަނީ އޭގައި ހުރި މައްސަލަތައް ބަލައި އެ ރިޕޯޓާއި، އެ ރިޕޯޓު ނެރުނު ޖަމްޢިއްޔާއާއި، އެ ރިޕޯޓާ ގުޅޭ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައި އަމުރުކުރައްވާފައެވެ.
އެގޮތުން ދައުލަތުގެ އެކިއެކި ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާއި އަދި އަޅުގަނޑުމެންގެ އަމިއްލަ ބޭނުމަށްޓަކައި މި މައްސަލައާ ގުޅިގެން އެރިޕޯޓާއި ބެހޭގޮތުން އަޅުގަނޑުމެން ކޮށްދިން ގިނަގުނަ ދިރާސާއާއި ތަޙްޤީޤުތަކުން މާތްވެގެންވާ އިސްލާމް ދީނާ ޢަދާވާތްތެރި ، އަދި ދިވެހި އިސްލާމީ އުންމަތައް ނުރައްކާތެރިކަން އިންތިހާ ބޮޑު، ނުހަނު ގިނަ ކަންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ފެނިގެން ގޮސްފައިވެއެވެ.
އޭގެ ތެރެއިން މަދު މިންވަރެއް މިތަނުގައި އަޅުގަނޑުމެން ފާހަގަކޮށްލާނަމެވެ:
1- އިސްލާމް ދީނުގެ ޞައްޙަ ކަމާއި މެދު އަދި ކީތިރި ޤުރްއާނުގެ ތެދުކަމާއި މެދު ޝައްކު އުފައްދައި އިންކާރުކޮށްފައި ވުން: (45 ވަނަ ޞަފްޙާ)

2- ކީރިތި ޤުރްއާނުގައި ސާފު ޞަރީޙަކޮށް ބަޔާންކޮށްފައިވާ އިސްރާ މިޢުރާޖުގެ ޙާދިޘައަކީ ސައިންޓިކަލީ ގޮތުން ވެސް ޘާބިތު ނުވާ ކަމެއް ކަމުގައި ދައްކަން އުޅުން.
އަދި އެއީ ހަމައެކަނި ފުލޯކު ވާހަކައެއް ކަމުގައި ބަޔާންކޮށްފައިވުން: (36 ވަނަ ޞަފްޙާ)

3- މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވާން ވާނެ ކަމަށް އޮތުމަށް އިންކާރުކޮށް، އެއީ އޭގެ ސަބަބުން އެހެން ދީންތަކުގެ މީހުންނާ މެދު ނަފުރަތު އުފެދޭނެ ކަމެއް ކަމަށް ސިފަކޮށްފައިވުން. (13 ވަނަ ޞަފްޙާގައި)

4- ޤުރްއާނުގެ އާޔަތްތައް ގެވެށި އަނިޔާއަށް ތާޢީދު ކުރާކަމަށް ދަޢުވާކޮށްފައިވުން.
(40 ވަނަ ޞަފްޙާ)

5- ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ (އެހެން ހުރިހާ މީސްތަކުންނަށް ވުރެ ބޮޑަށް) ލޯބިވުމަކީ އެނަބިއްޔާ صلى الله عليه وسلم އަށް ކުޑަ-ކަލާނގެއެއްގެ ދަރަޖަ ދިނުން ކަމުގައި ކަނޑައެޅިގެން ބުނެފައިވުން.
އަދި އޭގެ ސަބަބުން އެހެން މީހުންނަށް "ލިބިފައިވާ" ، އެކަލޭގެފާނަށް ޖޯކު ޖަހައި ކާޓޫން ކުރެހުމުގެ "ޙައްޤުގެ މިނިވަންކަމަކީ" ނެތް އެއްޗެއް ކަމަށް މުސްލިމުން ދެކޭ ކަމަށް ބުނެފައިވުން. (21 ވަނަ ޞަފްޙާ)

6- އަމިއްލަ ފުރާނައާއި ، ޢާއިލާއާޢި ދުނިޔެވީ ކަންކަމަށް ވުރެ މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބި ވުމަކީ (އެހެން މީހުންނާ މެދު) ނަފުރަތު އުފެދެން ޖާގަ ހެދޭ ކަމެއް ކަމަށް ބުނެފައިވުން.
އަދި އޭގެ ސަބަބުން ނަބިއްޔާ صلى الله عليه وسلم އާ ދެކޮޅަށް އެއްވެސް ކަހަލަ ފާޑެއް ކިޔުމުގެ ފުރުޞަތު ގެއްލޭކަމަށް ބުނުން.
އެހެންކަމުން ޓީޗަރުން ކިޔަވައިދޭ އިރު ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް (ފްރީޑަމް އޮފް އެކްސްޕްރެޝަންއަށް) ހުރަސް ނޭޅޭނޭހެން ނަބިއްޔާ صلى الله عليه وسلم ގެ ޝަޚުޞިއްޔަތަށް ލޯބި އުފައްދަން ބުނެފައިވުން. (22 ވަނަ ޞަފްޙާ)

7- ރަސޫލާ صلى الله عليه وسلم ގެ "ހިދާޔަތަށް ތަބާ ނުވެއްޖެ މީހަކީ، އެކަލޭގެފާނުގެ ޖަމާޢަތުގެ ތެރެއިންވާ މީހެއް ނޫންކަމަށް" ބަޔާންވެފައިވާ ޙަދީޘްފުޅަށް ބިނާކޮށް ، އެކަލޭގެފާނުގެ މި ބަސްފުޅަކީ ތަކްފީރިސްޓް ބަސްފުޅެއް ކަމަށް ކަނޑައަޅައިފައިވުން.
އަދި އެ ޙަދީޡްއަކީ ހައްދު ފަހަނައަޅާފައިވާ މީހުންގެ ފިކުރު ފެތުރުމަށް ވާގިވެރިވާ ބަސްފުޅެއް ކަމުގައި ސީދާ ބުނެފައިވުން. (27 ވަނަ ޞަފްޙާ)

8- އިސްލާމްދީނަކީ ޙަޔާތުގެ ހުރިހާ ދާއިރާއަކަށް ފުރިހަމަވެގެން އައިސްފައިވާ ދީނެއް ކަމަށް ކިޔަވައިދޭތީ އެއީ ރަނގަޅު ކަމެއް ނޫން ކަމުގައި ބުނެފައިވުން. (18 ވަނަ ޞަފްޙާ)

9. ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ ޤަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ބަޔާންކޮށްފައިވުން ފާހަގަކޮށްފައިވުން
10 . ޔަހޫދީންނާއި ނަސާރާއިންނަކީ މުސްލިމުންގެ ޢަދުވުންގެ ގޮތުގައި ބުނުމާއި، އެއީ އިސްލާމް ދީނާ ދެކޮޅު ބައެއްގެ ގޮތުގައި ބުނެފައިވުން ފާހަގަކޮށްފައިވުން
11 . އިސްތިޝްރާޤުގެ ތަޢުރީފު ނުބައިކަމަށްބުނެ އެއީ އާޓް އެންޑް ކަލްޗަރ ކަމުގައި ބުނުން
12. ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި ތަކްފީރީ ފިކުރު އުފައްދާކުމުގައި ބުނުން
13 . ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީޢަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފަ އޮތުމުން އެކަމަށް އިންކާރުކުރުން
14 ، ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައި އޭ ބުނުމުން، ބައިނަލް އަގްވާމީ އިންސާނީޙައްޤުތަކާ ބެހޭ މުޢާހަދާއަށް އިންކާރު ކުރެވޭކަމަށް ބުނުން
15 ، ސުންނަތުގެ މަގާމާމެދު ޝައްކު އުފައްދައި، އިސްލާމީ ޝަރީއަތަކީ އުނި ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި
16 . ޙުދޫދުތަކާއި ޤިޞާޞްއާއި މަރުގެ ހުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން
17. ރަސޫލު ﷲ ގެ ޙަދީޘްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް
18 . ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ކަންކަމާމެދު ފާޑުކިޔައި، ޝައްކުއުފެއްދުން
19 . އިސްލާމީ ތަރުބިޔަތުގެ މުގައްރަރުގައި ހުރި ފިލާވަޅުތަކުގެ ތެރެއިން، ޤުރްއާނުގެ ބަޔާއި، ޢަޤީދާގެ ބަޔާއި ސީރަތާއި އަޚުލާޤުގެ ބައިގައިހުރި ކަންމުގެ ތެރެއިން، ޒަމާނާ ނުގުޅޭ ކަންކަމަށް ދެކޭ ބައިތަށް ފާހަގަކުރުމާއި،
21. ޔަހޫދީންނަށް ރުޅިވެރިކަން އުފައްދާކަމަށް ބެލެވޭ ބައިތައް ފާހަގަކޮށް އެއަށް ފާޑުކިޔުން
22. ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން
23. ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކަށް ފާޑު ކިޔުން.
24. އިންޓަފެއިތް ޑައިލޮގު (ހުރިހާ ދީންތައް އެއްކުރުމުގެ ހިވާރު)އަށް ފިލާވަޅުތަކުން ހުރަސްއެޅޭ ކަމުގައި ފާހަގަ
25. ދަރިވަރުންނަށް ވަކި ޢަޤީދާއެއް އުނގަންނައިދިނުމުގެ ބަދަލުގައި އެމީހުން އެދޭ ދީނަކަށް އުޅުމަށް އިޚްތިޔާރު ކުރުމުގެ ފުރުޞަތު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުން
އެނޫން އެހެނިހެން ފާހަގަ ކުރެވުނު މައްސަލަތައް:
1- އެކި ފަހަރު މަތިން އެކި ކަހަލަ ބަދަލުތައް ގެނެސްގެން "އަދާހަމަ" ކޮށްފައިވާކަން ފާހަގަ ކުރެވޭ
2- ޝެއިޚުންގެ ޤަދަރާއި ޢިއްޒަތާއި އަބުރަށް އުނިކަން އަންނާނޭ ފަދައިން ކުރިން ޝާއިޢުކޮށްފައި ފަހުން އެމީހުން އަދާހަމަކޮށް ނެރުނު ރިޕޯޓުން ބައެއް ޝެއިޚުންގެ މުޅި ޕްރޮފައިން އެއްކޮށް ފޮހެލާފައިވުން.
a. އޭގެ ތެރޭގައި : ޝެއިޚް އިލްޔާސް ހުސެން ހިމެނޭ
3- އޭގައި ހިމަނާފައިވާ ބައެއް ޢިލްމުވެރިންގެ ފޭސްބުކް ޕޭޖް ތަކަކީ އެއްވެސް ގޮތަކުން އެ ޝެއިޚުންނަށް ނޭންގި، ނުވެސް ދަންނަ ބަޔަކު އެ ޝެއިޚުންގެ ނަމުގައި ހިންގާ ގޮތް ނޭނގޭ ޕޭޖްތަކެއް.
a. އޭގެ ތެރޭގައި ޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު
4- އަދި މީގެ އިތުރުން އެމް.ޑީ.އެން ގެ ބައެއް އިވެންޓްތަކުގެ ވީޑިއޯތަކަށް ބަލާލީމާ އެނގި ހާމަވެގެން ދަނީ، އެ ޖަމްޢިއްޔާއިން ރާއްޖޭގެ ޤާނޫނު އަސާސީއާއި ހެދިފައިވާ އެހެނިހެން ޤާނޫނުތަކާ މުޅިން ޚިލާފަށް މިދިވެހިރާއްޖޭގައި އެހެން ދީންތަކަށް ޖާގަދިނުމަށް ޕްރޮމޯޓުކުރާ ކަމަށާއި އެކަމަށް ބާރުއަޅާ ކަމާއި، އެކަމަށް ސީދާކޮށާއި ނުސީދާކޮށް ވަކާލާތުކޮށްފައިވާ ކަމެވެ.
ރިޕޯޓުގެ ޚުލާޞާ
މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯރކުން ލިޔެފައިވާ؛
1- މި ރިޕޯޓަކީ، މާތް ﷲ ގެ ޤަދަރާއި ޢިއްޒަތައް ފުރައްސާރަކޮށް ކުޑައިމީސްވާ ފަދަ ބަސްމަޤާއި ޢިބާރާތްތަކުން ލިޔެފައިވާ ރިޕޯޓެކެވެ.
2- މި ރިޕޯޓަކީ، ކީރިތި ޤުރްއާނާ މެދުގައި ޝައްކު އުފެއްދުމަށް ލިޔެފައިވާ ރިޕޯޓެކެވެ.
3- މި ރިޕޯޓަކީ، ޤުރްއާނުގެ އާޔަތްތަކަށް ކުޑައިމީސްކޮށްފައި ލިޔެފައިވާ ރިޕޯޓެކެވެ.
4- މި ރިޕޯޓަކީ، ޤުރްއާނު އާޔަތްތަކަށް އިންކާރުކޮށް ލިޔެފައިވާ ރިޕޯޓެކެވެ.
5- މި ރިޕޯޓަކީ މާތް ނަބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޤަދަރާއި ޢިއްޒަތައް ފުރައްސާރަ ކުރަން ލިޔެފައިވާ ރިޕޯޓެކެވެ.
6- މި ރިޕޯޓަކީ، މާތް ނަބިއްޔާ صلى الله عليه وسلم އާ މެދުގައި ޙަސަދަވެރިވެ ނަފުރަތު އުފެއްދުމަށްޓަކައި ލިޔެފައިވާ ރިޕޯޓެކެވެ.
7- މި ރިޕޯޓަކީ، އިސްލާމް ދީނާއި އެދީނުގެ ބިންގާތަކާއި އުޞޫލުތަކާ ކަނޑައެޅިގެން މުޅިން ޚިލާފު ޢުދުވާނީ ރިޕޯޓެކެވެ.
8- މި ރިޕޯޓަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ މުޅިން ޚިލާފު ހައްދު ފަހަނައަޅާފައިވާ ރިޕޯޓެކެވެ.
9- މި ރިޕޯޓަކީ، އިސްލާމް ދީނާ މެދު އެތަނެއް ދޮގު އެއްވެސް ޙަޤީޤާތެއް ނެތް ބުހުތާނު ހަދާފައިވާ ރިޕޯޓެކެވެ.
10- މި ރިޕޯޓަކީ، އިސްލާމް ދީނުގެ ނަން ކިލަނބުކޮށް، އެދީނާ މެދުގައި މީސްތަކުންގެ ހިތްތަކުގައި ނަފުރަތު އުފެދޭނެ ގޮތަށް ލިޔެ ފަރުމާކޮށްފައިވާ ރިޕޯޓެކެވެ.
11- މި ރިޕޯޓަކީ، މި ރިޕޯޓުގެ ސަބަބުން މުޅި ދިވެހި ރާއްޖޭގެ އިސްލާމީ އެބައިވަންތަކަމާއި ވަޙުދަތަށް ޙަމަލާއާއި ބުރޫ އަރާނެ ފަދަ ގޮތަކަށް ބައްޓަން ކުރެވިފައިވާ ނުރައްކާތެރި މަކަރުވެރި ރިޕޯޓެކެވެ.
12- މި ރިޕޯޓަކީ، މި ދިވެހި ރާއްޖޭގައި އެހެން ދީންތަކަށް ޖާގަ ހެދުމަށް ވިސްނުން ފެތުރުމަށް ޓަކައި ހެދިފައިވާ ރިޕޯޓެކެވެ.
13- މި ރިޕޯޓަކީ، ރާއްޖޭގައި އިސްލާމް ދީންނުގެ އަސާސްތައް ނައްތާލުމުގެ ފިކުރު ފެތުރުމަށް ލިޔެފައިވާ ރިޕޯޓެކެވެ.
14- މި ރިޕޯޓަކީ، ދައުލަތުގެ ހުރިހާ ރަސްމީ މުއައްސަސާއަކާއި ދާއިރާތަކާއި އިދާރާއަކުން އިސްލާމް ދީން ބޭރުކުރުމުގެ ފިކުރު ފެތުރުމަށް ޓަކައި ލިޔެފައިވާ ރިޕޯޓެކެވެ.