ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް!: ބަނބުކެޔޮ، ދަނޑިއަލުވި، ކައްޓަލަ، އާ އަލަ ވެސް ހުސްވަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް!: ބަނބުކެޔޮ، ދަނޑިއަލުވި، ކައްޓަލަ، އާ އަލަ ވެސް ހުސްވަނީ!

މިއަދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކާބޯތަކެތީގެ ދުވަހެވެ. މިދުވަސް ކޮންމެ އަހަރަކުވެސް ރާއްޖޭގައިވެސް ފާހަގަކުރެއެވެ. ޖަލްސާތައް ބާވައި ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. ހަފްލާތައް ބާއްވަން ގިނަ އަދަދެއްގެ ފައިސާވެސް ޚަރަދުކުރެއެވެ. ނަމަވެސް ރާއްޖޭގައި އުފައްދާ ކާބޯތަކެތި އަންނަނީ، ނުވަތަ ކާބޯތަކެތި އުފެއްދުން އަންނަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ.

ބިން ޗަކަވުމުގެ ސަބަބުން ފާރުތައް ކަނޑައިގެންދާތީ ގެދޮރު ނުއެޅުނު ނަމަވެސް ކައްޓަލަ އާއި އަލަ ހައްދަމުން އައި ބިންތަކުން ގޯތި ދީ ބިންތައް ހުސްކޮށްލައިފިއެވެ. ދަނޑުވެރިކަން ކުރަމުން އައި ބޮޑެތި ގިނަ ރަށްތައް ފަތުރުވެރިކަމަށް ނަގައިފިއެވެ. ނަތީޖާއަކީ އަގު ބޮޑު ބާސްމަތީ ހަނޑު ކިލޯއެއް 30 ރުފިޔާއަށް ލިބޭއިރު އަލަ ކިލޯއެއްގެ އަގު 70، 80 ރުފިޔާއަށް އުފުލުމެވެ. ބޭރުން އެތެރެކުރާ ބިސްކޯދު ޑަބިޔަލެއް 200 ރުފިޔާއަށް ގަންނަން ލިބޭއިރު ތެލުލި އަލަ ޑަބިޔަލެއްގެ އަގު 900 ރުފިޔާއަށް އުފުލުމެވެ.

ރާއްޖޭގައި ހައްދަމުން އައި ކައްޓަލަ އާއި ދަނޑުއަލުވި މިހާރު އެތެރެކުރަނީ އެހެން ޤައުމުތަކުންނެވެ. ބަނބުކޭލެއްގެ އަގު 60، 70 ރުފިޔާއަށް މިވަނީ އުފުލިފައެވެ.

ބަޔާން މިކުރި ބާވަތްތަކަކީ އިންދައި ރޯވުމުން އެއްވެސް ބޭހެއްވެސް ޖަހަން ޖެހޭ ބާވަތްތަކެއް ނޫނެވެ. އަމިއްލައަސް ހެދި ބޮޑުވެ ކާބޯތަކެތި ލިބޭ ބާވަތްތަކެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ޖަމިއްޔާއިން ކެނޑިނޭޅި އިންޒާރު ދެމުން ގެންދަނީ ދުނިޔޭގައި އުފައްދާ ކާބޯތަކެތީގެ އަދަދު ދާނީ މަދުވަމުން ކަމަށާއި އަގުތައް ދާނީ އުފުލެމުން ކަމަށެވެ. ހައްލަކީ ކޮންމެ ޤައުމަކުންވެސް، ކޮންމެ މީހަކުވެސް ވީހައި ގިނަ ކާބޯތަކެތި އުފެއްދުން ކަމަށެވެ. ސުވާލަކީ އެ އަޑު ރާއްޖޭގެ ވެރިންނަށް ނުއިވޭނަމަ މާދަމާ ރާއްޖޭގެ ރައްޔިތުންގެ ޙާލަތަކީ ކޮބައިތޯއެވެ؟

މިއަދު އޮންލައިން