އިސްލާމް ދީނަށް ފުރައްސާރަކުރުން މިއަދު ވެފައިވަނީ އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި އަރާމު ދިރިއުޅުމެއް ލިބޭ ކަމަކަށެވެ. ފޯމެއް ފުރައިލުމުން އަރާމު ދިރިއުޅުމެއްގައި ދިރިއުޅޭނެ ތަނަކާއި ދިރިއުޅޭނެ ފައިސާ ލިބޭ ކަމަކަށެވެ. "އެސައިލަމް" ކިޔާ އެއްޗެއް ލިބޭ ކަމަކަށެވެ. އެ އެސައިލަމްގައި ގިނަ ފައިސާ ލިބެނީ އިސްލާމް ދީނަށް ބޮޑަށް ފުރައްސާރަކުރި ވަރަކަށެވެ. ވީމާ އެކަން ވެފައި މިވަނީ ވރަށް ފަސޭހައިން ރަން ދުނިޔެއެއް ލިބޭ ކަމަކަށެވެ.
މުސްލިމުންނަކީ އެގޮތަށް ރަން ދުނިޔެ ހޯދާނެ ބައެއް ނޫނެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެއްކަމާއި ކޮންމެ ވަގުތަކު ވެސް މަރުވެދާނެ ކަމާއި މަރުވުމުން ދެން ކުރިމަތިލާން ޖެހޭ ބަރުޒަޚުގެ ޢާލަމުގައި ކުރިމަތިވާނެ ކަންކަން މުސްލިމުންނަށް އެނގެއެވެ.
މަރުވުމަކީ ނިމުން ނޫން ކަމާއި އެއީ ފެށުމެއްކަން މުސްލިމުންނަށް އެނގެއެވެ. އަދި އެ ފެށުމަކީ ނިމުމެއް އޮތް ފެށުމެއް ނޫންކަން ވެސް މުސްލިމުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ކޮންމެ މުސްލިމަކު ވެސް މަސައްކަތް ކުރަނީ މަރުވުމަށްފަހު ދެން ފެށޭ ފެށުން ބާއްޖަވެރިކުރުމަށެވެ. ކައްވަޅުގެ ޢަޛާބުންނާއި ނަރައިގެ ޢަޛާބުން ސަލާމަތްވެފައިވާ މީހަކަށްވުމަށެވެ.
ލޮބުވެތި މުސްލިމުންނޭވެ! އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އެކަން ކުރަނީ ކީއްވެގެންކަން ކުރިން މިބަޔާންކުރީއެވެ. ވީމާ ހޭލުންތެރިވާށެވެ! އެ ލިބޭ ފައިސާ ހޯދައިގެން މަރުވުމަށްފަހު ޢަޛާބު ލިބެމުންދާ މީހަކަށް ނުވާށެވެ.
".... ތިޔަބައިމީހުން ފުރައްސާރަކޮށް އުޅޭށެވެ! ހަމަކަށަވަރުން ތިއަބައިމީހުން ބިރުގަންނަ ކަންތައް، اللَّه ނެރުއްވައި ހާމަކުރައްވާ ހުށްޓެވެ." ( ތައުބާ: 64)
ވީމާ އެމީހުން އެކުރާ ކަންކަން އޮތީ އެމީހުންނަށެވެ. މުސްލިމުންނަށް އޮތީ ﷲ ތައާލާގެ މަގުގައި ސާބިތުވެ ދެމިތިބުމެވެ.