އެކަނިވެރި މައިން/ބަފައިނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތުގެ ވާހަކައަކީ ވަރަށް ކުރިންސުރެ ދެކެވެމުން އަންނަ ވާހަކައެކެވެ. މިކަމަކީ ނުހަނު ގިނަ ޝަކުވާތަކެއް ވެސް ބައެއް ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުން އަންނަ ކަމެކެވެ.
އެގޮތުން އިއްޔެ ކުއްލި ޚަބަރެއްގެ ގޮތުގައި އަނެއްކާވެސް ވަނީ އެކަނިވެރި މައިން/ބަފައިންނަށް ދެމުން އައި އިނާޔަތައް ސަރުކާރުން ގެނައި ބަދަލެއްގެ ޚަބަރު މިވަނީ ފެތުރިފައެވެ. މުޅި ސޯޝަލް މީޑިއާއާއި އެކިއެކި ވައިބާ ގްރޫޕްތަކުގައިވެސް ހަލުވިކަމާއެކު ފެތުރެމުން އައީ އެކަނިވެރި މައިން/ބަފައިންނަށް ދެމުން އައި އިނާޔަތް 10،000 ރުފިޔާ ލިބޭނެ ގޮތަށް ބޮޑު ކުރިކަމަށް ސަރުކާރުން ފާސްކުރި ވާހަކައެވެ.
މިޚަބަރާއެކު އެކިއެކި ވާހަކަތަކާއި ކަންބޮޑުވުންތައް ވެސް ފާޅުވެގެން ދިޔައެވެ. އެއް ބަޔަކު ބުނިގޮތުގައި މިފަދަ ނިންމުމެއް ނިންމުމުން ރާއްޖޭގައި އަނެއްކާވެސް ވަރީގެ ރޭޓު ނިސްބަތުން ވަރަށް އިތުރުވާނެއެވެ. އަނެއް ބަޔަކު ބުނިގޮތުގައި މިވަރު ބޮޑު އިނާޔަތެއް ގިނަ ބަޔަކަށް ދިނުމަކީ، ދައުލަތުގެ ބަޖެޓަށް ލިބޭ ބޮޑު ގެއްލުމެކެވެ. އޭގެ ނޭދެވޭ އަސަރު ކުރާނީ ހަމަ ރައްޔިތުންނަށްކަން ވެސް ފާހަގަ ކޮށްފައިވެއެވެ.
ކޮންމެހެނަކަސް، އިއްޔެ ފާސްވި ގޮތުގެ ތަފްސީލު މިއަދު މިވަނީ ލިބިފައެވެ. ރައީސް އޮފީހުން މިއަދު ނޫސްވެރިންނަށް ބޭއްވި އާއްމު ބައްދަލުވުމެއްގައި ވެސް މިވަނީ އެކަން ސާފުކޮށްދެއްވާފައެވެ.
އެބޭފުޅުން ދެންނެވި ގޮތުގައި، ކުރީގެ ޤަވައިދު އޮންނަ ގޮތުން އެކަނިވެރި މައެއް/ބަފައަކަށް އިނާޔަތުގެ ގޮތުގައި އެންމެ ގިނަވެގެން ލިބޭ އަދަދަކީ 3000 ރުފިޔާއެވެ. މާނައަކީ ތިން ކުދިންނަށްވުރެ ގިނައިން ހުރި އާއިލާއެއް ކަމުގައި ވިޔަސް، އެއާއިލާއަކަށް ހަމައެކަނި ލިބެނީ އެންމެ 3000 ކަމެވެ. ނަމަވެސް މިހާރު މިގެނައި އިސްލާހާއި ގުޅިގެން ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެއެވެ. މިސާލަކަށް އެއީ 4 ކުދިންތިބި އާއިލާއެއް ކަމުގައިވާނަމަ 4000، 8 ކުދިންގެ އާއިލާއެއްނަމަ 8000 އަދި 10 ކުދިން ތިބި އާއިލާއެއްނަމަ 10،000 ރުފިޔާއެވެ.
އެހެންކަމުން، މިއިސްލާހާއި ގުޅިގެން، އާއިލާއެއްގައި އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ލިބޭނެއެވެ.
މީގެއިތުރުން އިނާޔަތް ދިނުމާއި ގުޅޭގޮތުން ގެނައި އިސްލާހާއި ގުޅިގެން ރައީސް އޮފީހުން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްދޭ އިނާޔަތް ތަންކޮޅެއް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެފަދައިން ވެސް ހަމަޖައްސާނީ ނުކުޅެދުންތެރިކަން ހުރި މިންގަޑާއި މިފަދަ ކަންކަމަށް ބަލާފައިކަމަށް ވެސް ބުންޏެވެ.
"މިސާލަކަށް ނުކުޅެދޭ ތިން ކުދިން ތިބި އާއިލާއެއް ކަމަށްވަންޏާ ދެމަފިރިންނަށް ވަޒީފާ އަދާ ކުރަންދާން ދަތިވާނެ ދެއްތޯ. ކިހިނެއްތޯ އެފަދަ އާއިލާއަކުން އެންމެ 3000 ރުފިޔާއިން ނުވަތަ 6000 ރުފިޔާއިން ކަންކަން ހަމަޖައްސާނީ؟ އެހެންކަމުން އެފަދަ އާއިލާތަކަށް އިނާޔަތް ބޮޑުކުރަން އިސްލާހު ގެނެވިފަވަނީ" ރައީސް އޮފީހުން ޝައުނާ ވިދާޅުވިއެވެ.
