ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް ހަމަ އަގު ނުލިބުމާއި، ތަކެތި މާކެޓް ކުރުމުގައި ހުރި ދަތިތައް ޙައްލު ކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަފާތު އާލާތްތަކާއި ގަސްކާނާ އާއި މުޑުވައް ފޯރުކޮށްދިނުމަށާއި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓް ކުރުމަށް، އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދުނިޔޭގެ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ޕެނެލް ޑިސްކަޝަނަށްފަހު ޒަހާ ވިދާޅުވީ ކުންފުނި އުފެއްދުމުގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ދަނޑުވެރިކަމުގެ ދާއިރާގެ ބޮޑު މަޝްރޫޢެއް ރާއްޖޭގައި ފެށްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރު ފެށިގެންދާނެ ކަމަށެވެ.
ދަނޑުވެރިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކަށް FAO އިން ކަނޑައަޅާފައިވާ
Our Actions are Our Future. Healthy Diets for a Zero Hunger World. އާއި ގުޅުވައިގެން މިއަދު ހެނދުނު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ގުޅިގެން ބޭއްވި މިޕެނެލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައެވެ.
މިޕެނަލް ޑިސްކަޝަންގައި މައުލޫމާތު ފޯރުކޮށްދެއްވުމަށް އެކި މުޢައްސަސާތަކާއި ޕްރައިވެޓް ސެކްޓަރއިން ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕެނަލިސްޓުންގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑަޔަޓީޝަން އައިމިނަތު އިޔާޝާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ އެއްގެ ގޮތުގައި މަސއްކަތް ކުރައްވަމުން ގެންދަވާ ނިއުޓްރިޝަންގެ އެކްސްޕާޓް އައިޝަތު ޝާހީން، ދަނޑުވެރިކަމުގެ ދާއިރާގައި މިނިސްޓްރީގައި ދިގުމުއްދަތެއް ހޭދަ ކުރެއްވުމަށްފަހު މިހާރު ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޕެސްޓާމިނޭޓަރސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ރަޝީދު، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސްގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް އާދަމް މަނިކު ގެ އިތުރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލްހެލްތް ޑިވިޝަންގެ ޑެޕިޔުޓީ ޑައިރެކްޓަރ ޖެނެރަލް ޙުސެން ރަޝީދު މޫސާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގިނަ މައުލޫމާތުތަކެއް ލިބިގެންދިއަ މި ޕެނެލް ޑިސްކަޝަން ވަނީ ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް ވަގުތުން ގެނެސްދެއްވާފައެވެ. ޕެނެލް ޑިސްކަޝަންއަށްފަހު މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އެންޑް އެގްރިކަލޗަރ ޒަހާ ވަޙީދު ވަނީ FAO އިން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޖެންޑަރ އެސެސްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ދަ ރޫރަލް ސެކްޓަރ އިން މޯލްޑިވްސް" ނެރެދެއްވާފައެވެ.