ޞަޙާބީން އެންމެ ގިނައިން ދުޢާކުރެއްވެވި އެއް ކަންތަކަށް އެދި ދުޢާ ކުރަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ޞަޙާބީން އެންމެ ގިނައިން ދުޢާކުރެއްވެވި އެއް ކަންތަކަށް އެދި ދުޢާ ކުރަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތް!

ރަސޫލް (ޞޢވ) އެއް ދުވަހަކު ވަޑައިގެން އިބްނު ޢައްބާސް ކަންފަތްޕުޅު ގާތު ވާހަކަފުޅެއް ވިދާޅުވިއެވެ. ވިދާޅުވުމާއިއެކު މޫނު މަތިން ހިތާމަފުޅުވެސް ޙައިރާންކަމެއްވެސް ނުދައްކަވައި ޤިބްލައަށް ކުރިމަތި ލައްވަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވެވިއެވެ. 

އެވަގުތު ޞަޙާބީން ސުވާލު ކުރެއްވެވިއެވެ. "ކަލޭގެފާނު އިބްނު ޢައްބާސްއަށް ދެއްވެވީ ކޮން ފަދަ ޚަބަރެއްތޯއެވެ؟ ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އިބްނު ޢައްބާސްގެ ދަރިކަލުން އަވަހާރަވި ކަމުގެ ޚަބަރު ކަމަށެވެ. 

އިބްނު ޢައްބާސް ނަމާދުން ނިމިވަޑައިގަތުމުން ޞަޙާބީން ދެންނެވިއެވެ. ކަލޭގެފާނުގެ މޫނުފުޅު މަތިން ހިތާމައިގެ އަސަރެއްވެސް ނުފެނުނެވެ. ކީރިތި ކުރެއްވެވި ތަނެއްވެސް ނުފެނުނެވެ. އެހިނދު އެބޭކަލުންނަށް އިބްނު ޢައްބާސް ވިދާޅުވިއެވެ. "ކީރިތި ޤުރްއާނުގައިވާ މިއާޔަތް ތިއަ ބޭކަލުންނަށް ފެނިވަޑައި ނުގަންނަވަނީތޯއެވެ؟ "އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގި އެދޭށެވެ! ހަމަކަށަވަރުން اللَّه ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ." (އަލްބަޤަރާ: 153) 

މިއީ ހިތާމައިގެ ވަގުތުތަކުގައި އަމަލުކުރަން ރަސޫލް (ޞޢވ) ޞަޙާބީންނަށް އުނގަންނަވައި ދެއްވެވި ތަރްބިއްޔަތެވެ. 

ރަސޫލް (ޞޢވ) ގެ ސިޔަރަތަށް ބެލުމުން ޞަޙާބީންނަށް އުފުއްލަވަން ޖެހިވަޑައިގެންނެވި ތަކްލީފްތައް އެނގިގެންދާނެއެވެ. އަދި ކުރިމަތިވެވަޑައިގެންނެވި މުޞީބާތްތަކުގެ ބޮޑުކަމާއި އެކަންކަމުގައި ހުރި ބުރަކަންވެސް އެނގިގެންދާނެއެވެ. އެހެންކަމުން މިއަދު ވެސް އެކަންކަމާއިމެދު ވިސްނަން ޖެހޭނެއެވެ. ޞަޙާބީން ހޯއްދެވި ނަޞްރު ހޯދޭނީ އެއިރުންނެވެ. 

ވީމާ ރަނގަޅަށް އަޑުއަހާށެވެ! ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށެވެ. މި ވަޙީ ބަސްފުޅުން އެނގިގެންދަނީ ﷲ ތަޢާލާ އާއިއެކުގައި ވުމަށް އަހަރެމެން އެދޭނަމަ ކެތްތެރިވާން ޖެހޭނެ ކަމެވެ. ފުރިހަމައަށް ކެތްތެރިވެވިގެން ނޫނީ އެ މަޤްޞަދު ޙާޞިލު ނުކުރެވޭނެ ކަމެވެ. 

ﷲ ތަޢާލާ އެމީހަކާއިއެކު ވޮޑިގެންވާނަމަ މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެންމެ ބޮޑު ނަޞީބުވެރިއަކީ އެމީހަކު ކަމާއިމެދު ކުޑަވެސް ޝައްކެއް ނެތެވެ. އެއީ ޔަޤީންކަމެކެވެ. އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާ އެއްވެސް މީހަކަށް އެއްވެސް މަޚްލޫޤަކަށް ދެވޭނެ ކިތަންމެ ކުޑަ ނަމަވެސް ގެއްލުމެއް ނެތެވެ. އެމީހާ ހުންނާނީ ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާގެ ރައްކައުތެރިކަމުގައެވެ. ތަނަވަސް ރަހްމަތްފުޅުގައެވެ. 

މިފަދަ ސަބަބުތަކަށްޓަކައި ޞަޙާބީން އަބަދުވެސް، ހުރިހާ ކަމެއްގައިވެސް އެންމެ ގިނައިން ދުޢާ ކުރެއްވެވީ އެބޭކަލުންނަށް ކެތްތެރިކަން މިންވަރުކުރެއްވެވުން އެދިވަޑައިގެންނެވެ. ކެތްތެރިކަން ވެސް ލިބޭނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. އެކަމަށް އެދި މަސައްކަތް ކުރުމާއިވެސް އެކުގައެވެ. އެހެންކަމާއިއެކުވެސް ކެތްތެރިކަން ދެއްވެވުން އެދި ދުޢާކުރުމަކީ މިއަދު ގިނަ ބައަކު ވަރަށް ބޮޑަށް ހަނދާންނެތިފައިވާ ކަމެކެވެ.  

ކެތްތެރިވެވަޑައިގަތުމުގައި އެންމެ ފުރިހަމަ ނަމޫނާއެއް ދައްކަވައިދެއްވެވީ ރަސޫލް (ޞޢވ) އެވެ. އިތުރު އެކަލޭގެފާނަށް ކުރިމަތިވެވަޑައިގެންނެވި ފަދަ ބޮޑެތި މުޞީބާތްތައް ކުރިމަތިވެވަޑައިގެންނެވި އެއްވެސް އެހެން އިންސާނަކު ނުވެއެވެ. ނަމަވެސް އަބަދުވެސް ދައްކަވައިދެއްވެވީ ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. 

- ޝައިޚް ސާދް ތަސްލީމްގެ ދަރުސަކުން

މިއަދު އޮންލައިން