ތަޖުވީދުމަގުން ކީރިތި ޤުރްއާން ކިޔެވުމުގެ އިތުރުން އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ނަމާދުތައްވެސް ފުރިހަމަ ގޮތުގައި ކުރެވޭނީ ކީރިތި ޤުރްއާން ތަޖުވީދުމަގުން ކިޔަވަން އެނގުމުންނެވެ.
ކަންކަން މިފަދައިން އޮތް ނަމަވެސް ޒުވާން އުމުރުގައި ކަންތައްތައް ދިމާވާ ގޮތުންނާއިޮ ތަފާތު ސަބަބުތަކާއި ހުރެ ތަޖުވީދު މަގުން ކިޔަވަން ނުއެނގޭ މީހުން ވަރަށް ގިނަވާނެއެވެ. ދެން ކުރިމަތިވާމައްސަލައަކީ މީހާ ބޮޑުވެ ތަޝައްރަފް ފުދި އަމިއްލަ ދަރިން ސްކޫލްތަކަށް އުފުލަމުން ފޮތްބޮޑި ހިފައިގެން ދެކޮޅަށް ހިނގަން ޖެހުމުން ލަދު ގަންނަ މައްސަލައެވެ.
މިއީ އެއްގޮތަކަށްވެސް ލަދުގަންނަން ޖެހެންވީ ކަމެއް ނޫނެވެ. "މައިމީހާގެ އުނގުން ފެށިގެން މަރުވެ ކައްވަޅަށް ދާންދެން" ޢިލްމު އެނގެނެން އޮންނަ ބަސްފުޅުން ވާގިލިބިގަންނާށެވެ. ޚާއްޞަކޮށް ކީރިތި ޤުރްއާނުގެ ޢިލްމަކީ އުނގެނުން ޙާޞީލުކުރުން ހުއްޓައި ލެވެން އޮތްކަމެއް ނޫނެވެ.
ފުރަތަމަ މަސައްކަތްކުރަންވީ ތަޖްވީދު މަގުން އަކުރުތައް ކިޔުމަށެވެ. އެއަށްފަހު އެކުލަވައި ކިޔުމަށެވެ. އެކުލަވައި ކިޔެވެން ފެށުމުން މަސައްކަތްކުރަންވީ ހިތުދަސްކުރުމަށެވެ. މުރާޖަޢާ ކުރުމުގެ މަސައްކަތަކީ އަބަދުވެސް ކުރަން ޖެހޭނެ މަސައްކަތެކެވެ. ދުވަހަކުވެސް ނިމޭނެ މަސައްކަތެއް ނޫނެވެ. ވީމާ ހަޤީޤަތުގައި ބޮޑަށް ލަދުގަންނަން ޖެހޭނީ ކީރިތި ޤުރްއާން ކިޔަވަން ދަސްނުކޮށް ހުރުމަށެވެ. އެކަމަށް އެދިގެން މަސައްކަތް ކުރުމަކަށް ނޫނެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީތެރިކަމުގައި ލިބެމުންދާ ފަންނީ ކުރިއެރުންތަކާއިއެކު މިޒަމާނަކީ ގޭގައި އިނދެގެން ނުވަތަ ގޭގައި ހުރެގެން ދުނިޔޭގެ ޢިލްމުވެރިންގެ ތެރެއިން އެމީހަކު ބޭނުން މުދައްރިސުންގެ އަރިހުން ޤުރްއާން ފިލާވަޅު ނަގައި ކިޔަވައި ޚަޠިމްކުރެވޭނެ ނުހަނު ފަސޭހަ މަގުތައް ﷲ ތައާލާ މިހާރުވަނީ ފަހިކޮށް ދެއްވަވައެވެ.
އޮންލައިންކޮށް ކިޔަވައިދޭ ކްލާހެއްގައި ބައިވެރިވެ ކިޔެވި ނަމަވެސް އެކަން ކުރާކަން އެނގޭނީ އެމީހަކު އެކަމުގެ ވާހަކަ ބުނި މީހަކަށެވެ. އެހެނީ އޭނާ ފިލާވަޅުތައް ނަގާނީވެސް އިމްތިޙާން ހަދާނީވެސް ގޭގައި ނުވަތަ އެމީހަކު ބޭނުންވާ ތަނެއްގައި ހުރެގެން ކަމަށްވާތީއެވެ.
މީހާ ވަކިވަރަކަށް ބޮޑުވުމުން ފޮތް ބޮނޑި ހިފައިގެން ހިނގަން ޖެހޭތީ، ލަދު ގަންނާތީ، ބިޒީކަމުން ވަގުތު ނުވާތީ ކީރިތި ޤުރްއާން ކިޔަވަން އޮތް މަގުން ކިޔަވަން ދަސްނުކުރާނަމަ ކުރަން ޖެހޭ ހިތާމަ މާ ބޮޑުވާނެ ދުވަހަށް ބިރުވެތިވާށެވެ!
ރާއްޖޭގައިވެސް އޮންލައިންކޮށް މިފަދަ ޚިދުމަތް ދެއްވާ ބައެއް ބޭފުޅުން އެބަ ތިއްބެވިކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.
ކީރިތި ޤުރްއާން އުނގަންނައިދޭ ބޭރުގެ ފަރާތެއްގެ މަޢްލޫމާތު!:
https://www.quranacademy.tv/live10262019