މިއީ މިއަދު ވަރަށް ގިނަ މީހުން ކުރިމަތިކުރާ ސުވާލެވެ. "ﷲ ތަޢާލާގެ އާޔަތްތަކާއިމެދު ޖަދަލުކުރާ މީހަކަށް ތިމާއަކީ މުސްލިމެއް ކަމަށް ބުނެވޭނެ ހެއްޔެވެ؟ އަދި އެމިހާ ޖަދަލުކުރީ އެންމެ ކަމަކާއިމެދު ނަމަވެސް އެމީހާ ކާފިރުވާނެ ހެއްޔެވެ؟"
މިސުވާލުތަކުގެ ޖަވާބު އެންމެ ފުރިހަމައަށް ލިބޭނީ މި އާޔަތުންނެވެ.
"ކާފިރު ވިމީހުން މެނުވީ، ﷲ ގެ އާޔަތްތަކާއިމެދު ޖަދަލުކޮށެއް ނަހަދަތެވެ. ފަހެ، އެއުރެން ރަށްތަކުގައި އެގޮތް މިގޮތަށް އުޅުން (އެބަހީ: އެއުރެން ހިތުހުރިގޮތަކަށް އުފަލާއި އަރާމުގައި އުޅުން) ކަލޭގެފާނު ހެއްލުންތެރިކުރުވިއަ ނުދޭހުށިކަމެވެ." (ޢާފިރް: 4)
މިއާޔަތަށް ބަލައިފިނަމަ ﷲ ތަޢާލާގެ އާޔަތްތަކާއިމެދު ޖަދަލު ކުރާނީ ކާފިރުންނެވެ. އަދި އެފަދަ މީހުންނަށް ރަށްރަށުގައި މިނިވަންކަމާއިއެކު އުޅުމުގެ ފުރުޞަތު ދިނުމެއް ވެސް ނެތެވެ. އެމީޙުންނާއިމެދު އަލަން ޖެހޭ ފިޔަވަޅުތައްވެސް ޖެހޭނީ އަޅާށެވެ. އެހެން މީހުން މަގުފުރައްދަމުން ގެންދިއުމުގެ ފުރުޞަތު ދިނުމެއްވެސް ނެތެވެ.
ދެން ބަލައިލަންވީ ރަސޫލުންނާއި ދެކޮޅަށް ކަންކަން ކުރާ މީހުންގެ ހާލަތަށެވެ.
"އެއުރެންގެ ކުރިން ނޫޙްގެފާނުގެ ޤައުމުގެ މީހުންނާއި، އޭގެފަހުންވެސް ގުޅިގެން އުޅުނު ޖމާޢަތްތަކުގެ މީހުން (ރަސޫލުން) ދޮގުކުޅައޫއެވެ. އަދި ކޮންމެ އުއްމަތެއްގެ ބައަކު، އެބައެއްގެ ރަސޫލަކު (ނެތިކޮށްލުމަށްޓަކައި) އަތުލައިގަތުމަށް އުޅުނޫއެވެ. އަދި އެބައިމީހުން ބާޠިލު ގޮތުގައި (ރަސޫލުންނާ) ޖަދަލުކުރޫއެވެ. (އެއީ) އެ ބާޠިލު ގޮތް މެދުވެރިކޮށް ޙައްޤު ގޮތް ނައްތައިލުމަށެވެ. ދެން ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވައި، އެއުރެން ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ޢުޤޫބާތް ދެއްވުންވީ، ކޮންފަދައަކުން ހެއްޔެވެ؟" (ޣާފިރް: 5)
ރަސޫލްބޭކަލުންނާއިމެދު އިހާނެތިކޮށް ހިތުމަކީ، ކުޑައިމިސް ބަސް ބުނެ ފުރައްސާރަކުރުމަކީ އެބައެއްގެ މައްޗަށް ﷲ ތަޢާލާ ގަދަވެގެންވާ ކޯފާ ފޮނުއްވަވައިފާނެ ކަމެއްކަން މިއާޔަތުން އެނގިގެންދެއެވެ.
ދެން ބަލައިލަންވީ ކާފިރުންނަށް ހުރި ގޮތެވެ.
"ކާފިރުވި މީހުންގެ މައްޗަށް، ހަމަކަށަވަރުން، އެއުރެންނަކީ، ނަރަކައިގެ އަހުލުވެރިންކަމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ޙައްޤު ވެގެންވަނީ އެފަދައިންނެވެ." ޣާފިރް: 6)
މާގިނަ އަމިއްލަ ވާހަކަ ނުދައްކައި މިބަޔާންކޮށްދިނީ ކީރިތި ޤުރްއާނުގައި މިކަންކަން އޮތް ގޮތެވެ. ވީމާ ބައަކު ކޮންމެ ފަދަ ވާހަކަތަކެއް ދެއްކި ނަމަވެސް ނުހެއްލޭށެވެ. ކީރިތި ޤުރްއާނުގެ އެންމެ އާޔަތެއްގެ އިތުރުން އެންމެ ލަފްޒަކަށް އިންކާރުކުރުމަކީވެސް ކޮން ފަދަ ނުބައިކަންބޮޑު އަމަލެއް ކަމާއިމެދު ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން