ރާއްޖޭގެ ޤާނޫނުތަކާއި ކަނޑައެލިގެން ޚިލާފުވުމުން އެކަންކުރި އެމްޑީއެން އުވާލައި އެކަންކުރި މީހުންނަށް ފިޔަވަޅު އެޅުން ލަސްކުރަމުން ގެންދިއުން ގިނަ ބައަކު ޤަބޫލުކުރަނީ އެއީ ރާއްޖޭގެ ޤާނޫނު އަސާސީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށް އޮންނަ އޮތުން އުވާލުމަށްޓަކައި "ވަކަރަށް ޖަހަން" ކުރަމުން ގެންދާ ކަމެއް ކަމަށެވެ.
އެހެން ނޫން ނަމަ ދުނިޔޭގެ ފެންވަރުގައި ވެސް އިސްލާމް ދީނަށް ގޮންޖަހައި ރަސޫލް (ޞޢވ) އަށް ފުރައްސާރަ ނުކުރާވަރަށް މި ދިވެހިރާއްޖޭގައި އެކަން ކުރުމުން ހަމައެކަނި ވަގުތީ ގޮތުން ފިޔަވަޅެއް އަޅައިގެން ނުތިބޭނެ ކަމަށެވެ.
"ބަލައިލަން ބޭނުންވަނީ ރައްޔިތުން ތެޅޭ ވަރެއް! އެކަމާ ކަންބޮޑުވަނީ ކިތައް މީހުންކަން! ރާއްޖޭގެ ޤާނޫނު އަސާސީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށް އޮންނަ އޮތުން އުވާލުމުން ކަންބޮޑުވާނީ ކިތައް މީހުންކަން! ރާއްޖޭގެ ޤާނޫނު އަސާސީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށް އޮންނަ އޮތުން އުވާލި ނަމަވެސް ދުވަސްކޮޅަކު އަޑުކޮށްލާފައި އެކަން ވެސް ކާމިޔާބުކުރެވިދާނެކަން!"
"އެމްޑީއެންގެ ލާދީނީ ރިޕޯޓުގެ މައްސަލަ ރައްޔިތުން ދޫކޮށްލައިފިނަމަ އެ ދޫކޮށްލެވެނީ އެ ރިޕޯޓް އެކަންޏެއް ނޫން! އެ ދޫކޮށްލެވެނީ ރާއްޖޭގެ ޤާނޫނު އަސާސީ "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން" ކަމަށް އޮންނަ އޮތުން. މިއީ ރާއްޖޭގެ ރައްޔިތުން މީގެ 900 އަހަރު ކުރިން އިސްލާމް ދީނަކީ އެމީހުންގެ ދީން ކަމުގައި އިޚްތިޔާރުކުރިފަހުން ކުރިމަތިވި އެންމެ ނުރައްކައުތެރިކަން ބޮޑު މައްސަލަ!" ކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
"މިކަމުގެ އަމަލީ މަސައްކަތް ފުރަތަމަ ފެށީ ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން. އިސްލާމް ދީނުގެ ކަންކަމަށް ތަފާތު ބަސްތައް ބުނަމުން. އިސްލާމް ދީނުގެ ދިފާޢުގައި ކުރާ ކޮންމެ ކަމަކީ ދިތުނަ ފަސާދަކަމަށް ރައްޔިތުންނަށް ދައްކައިގެން މަޖިލީހުގަ މިހާރުވެސް ކުރަމުން އެގެންދަނީ ހަމަ އެމަސައްކަތް."
ވެރިކަމަށް އަންނަން މިސަރުކާރުން ކުރި ކެންޕޭނުތަކުގައި ބުނަމުން އައީ "މިއީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން ލިބޭ އެންމެ ފަހު ފުރުޞަތު" ކަމަށެވެ. ނަމަވެސް ގިނަ ބައަކު މިއަދު ބުނަނީ އެ ބުނުން މިއަދު ވެފައިވަނީ ބިލާހަކަށް ކަމަށެވެ. ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނެއް އޮތަ ނުދިނުމަށް ރައްޔިތުންނަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން މިހާރު ނުހިފައިފިނަމަ "މިއީ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން ލިބޭ އެންމެ ފަހު ފުރުޞަތު" ކަމަށް ވެގެންދާނެ ކަމަށެވެ.
"މިއީ ހަމަ ކޮންމެ ދިވެހި ރައްޔިތަކުވެސް އިސްލާމް ދީނުގެ ޙިމާޔަތުގަ މަސައްކަތްކުރަން ޖެހޭ ވަގުތެއް. އެމީހާގެ އަޑު އުފުލަންވީ ވަގުތު. ސަރުކާރަށް އިލްތިމާސްކުރަންވީ ވަގުތު. މިއީ ސިޔާސީ ކަމެއް ނޫން. ޢިލްމުވެރިންނަށްޓަކައި ކުރަން ޖެހޭ ކަމެއް ވެސް ނޫން. އަޅުގަނޑުމެންނަށާއި އަޅުގަނޑުމެންގެ ދަރިންނަށް އަދި އަންނަން އޮތް ޖީލުތަކަށްޓަކައި މާތް ﷲގެ މަގުގައި އަދާކުރަން ޖެހޭ އެންމެ ބޮޑު ދީނީ ވާޖިބު!. މިކަމުގައި ފޭލްވެއްޖެ ނަމަ ހަމަ ކޮންމެ ރައްޔިތަކީވެސް ޤިޔާމަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ މީހެއް" ކަމަށް ގިނަ ބައަކު އެގެންދަނީ މިހާރުވެސް ބުނަމުންނެވެ!
ހުރިހާ ކަމެއްކޮށް ނިންމުމުން ދިފާޢުކުރަން ނުކުތުމަކީ "މަހާނަ މައްޗަށް މަޑިއަށް ޖެހުން" ނޫން ކަމަކަށް ނުވާނެއެވެ. އެކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. މުހިންމީ ރާއްޖޭގައި އިސްލާމް ދިން ދިފާޢުކުރުމެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމެވެ.