ޒިޔާދާގެ މަރުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހުޅުވާނުލާ ކުރިއަށްގެނަދަން ޕީޖީން އެދިއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 54ސ
ޒިޔާދާގެ މަރުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހުޅުވާނުލާ ކުރިއަށްގެނަދަން ޕީޖީން އެދިއްޖެ!

ޒިޔާދާ ނަޢީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށް އުފުލުނު ދަޢުވާގެ އިސްތިއުނާފް އަޑުއެހުންތައް އާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދަން ޕީޖީ އޮފީހުން ހައިކޯޓުގައި އެދިއްޖެއެވެ.

ގދ.ތިނަދޫ ތޭންކް ޒިޔާދާ ނައީމަށް ޖިންސީ އަނިޔާކުރުމުގެ ސަބަބުން އޭނާ މަރުވި މައްސަލާގައި އެރަށު ޖަވާހިރުމާގެދެކުނު، އިބްރާހީމް ޝާހުގެ މައްޗަށް އުފުލާފައިވަނީ، ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، މީހަކު މަރުވެދިއުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއާއި، ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ، މި ހަތަރު މައްސަލަވެސް ސާބިތުނުވާކަމަށް މިއަހަރުގެ މާޗްމަހުގެ 21ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމްކުރުމާއި ގުޅިގެން، މިއަހަރުގެ އޭޕްރީލް މަހުގެ 8ވަނަ ދުވަހު އެ ހަތަރު ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާކަމަށެވެ.

ހަތަރު ދަޢުވާގެ ތެރެއިން، އިބްރާހީމް ޝާހުގެ މައްޗަށް އުފުލުން މަރުގެ ދެ ދަޢުވާގެ ޝަރީޢަތާއި ރޭޕްކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ހިންގުނީ ޕޖީ އޮފީހުން އެދުނު ހގޮތަށް މައްސަލައިގެ ބާވަތާއި، ޠަބީޢަތަށް ރިޢާޔަތްކޮށް، އަދި މައްސަލާގައި ހެކިބަސް ދިން ފަރާތްތަކުގެ މަޞްލަޙަތަށާއި، ހެކިންގެ ހެކިބަހުގައި، ޒިޔާދާ ނަޢީމްގެ ޒާތީ ދިރިއުޅުމާބެހޭ ވަރަށް ޒާތީ، ޙައްސާސީ މަޢުލޫމާތު އެކުލެވޭތީ، ޒިޔާދާ ނަޢީމްގެ ތިން ކުދިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އަދި ނުފޫޒުން އެއްކިބާވެގެން ތިބެ ހެކިންނަށް ހެކިބަސް ދެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން، ޢާންމުކޮށް ހުޅުވާ ނުލައިކަމަށް ޕީޖީން ވިދާޅުވިއެވެ.

 

މިމައްސަލަތަކުގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ހައިކޯޓުގައި ތާވަލުކޮށްފައިވާއިރު، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ މައްސަލައާއި، މީހަކު މަރުވެދިއުމުގެ އިހުމާލުގެ ޢަމަލެއް ކުރުމުގެ ކުށުގެ މައްސަލައަކީ ޢާންމު އުޞޫލެއްގެ ގޮތުން ޢާންމުކޮށް ޝަރީޢަތް ހުޅުވާލައިގެން ކުރިއަށްގެންދެވޭ ބާވަތުގެ މައްސަތަކެއް ކަމަށް ވީނަމަވެސް، އިބްރާހީމް ޝާހުގެ މައްޗަށް ދަޢުވާކުރެވޭ އެ ތިން ދަޢުވާގެ މައްސަލައަކީވެސް އެއް ވާޤިޢާތަކެއްގެ މައްޗަށް އަދި އެއް ހެކިތަކެއްގެ މައްޗަށް ހުށަހަޅައި ބައްލަވާފައިވާ މައްސަލަތަކެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ

މިއަދު އޮންލައިން