މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލުން ހުޅުވާލީ ޢާއްމުންގެ ތެރެއިން މެމްބަރަކު އިންތިޚާބުކުރުމަށެވެ. އެއީ ޢާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޚާބުވި ޝީރީން ނާހިދާ ލަޠީފް މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ.
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލަނީ މީޑިއާގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.
އާންމު މެމްބަރުކަމަށް ކުރިމަތިލާ މީހުންނަކީ ޤާނޫނީ ދާއިރާ، ދިވެހި ބަހުގެ ދާއިރާ، އިންސާނީ ޙައްޤުތަކުގެ ދާއިރާ، ދީނީ ޢިލްމުގެ ދާއިރާ، އަދި އިޖްތިމާޢީ ސައިންސަސްގެ ދާއިރާ، މިއިން ކޮންމެވެސް އެއްދާއިރާއަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ފަރާތެއް ކަމުގައި ވާންޖެހެއެވެ.
މިމަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހަމަވާނީ 2019 އޮކްޓޫބަރ 30 ވާ ބުދަ ދުވަހުގެ 14:00 އަށެވެ.