ފިޔާޒު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ފިޔާޒު އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ރާއްޖެ ޓީވީގެ ކުރީގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ފިޔާޒް އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް މިއަދުގެ ޖަލްސާގައި ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ. 

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަން ދިރާސާކޮށް، އޭގެ ތެރެއިން ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި އާއި އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ އަދި އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ ގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީން ކުރިން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ތިން ނަމަށް ވަކިވަކިން ވޯޓަށް އެހިއިރު، އެ މަގާމަށް ފިޔާޒު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ 72 މެންބަރުންގެ ވޯޓުންނެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒަށް މަޖިލީހުން ރުހުން ދިން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވި އެވެ.

ފިޔާޒްގެ ނަން މަޖިލިހުން ފާސް ކުރުމާ ގުޅިގެން ދެން އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތަކަށް ވޯޓަކަށް އަހާފައެއް ނުވެއެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ދުވަހު މަސައްކަތް ކުރައްވައިފައިވާ ފިޔާޒު ވަނީ އާފަތިސް ނޫސް، ހަވީރުނޫސް އަދި މިއަދު  ނޫހުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.

 

މިއަދު އޮންލައިން