މިހާރުގެ ސަރުކާރު ވެރިކަމަށް ގެނައީ ރައްޔިތުން ވަރަށް ބޮޑު ޤުރްބާނީ އެއް ވެގެންނެވެ. ރިޝަވަތުގެ ގޮތުގައި ފައިސާތަކާއި ފްލެޓްތަކާއި ލޯނުތަކާއި އަދި އެނޫންވެސް އިންސާނާ ދަހިވެތިވަނެ އެންމެހައި ކަންކަން އޮއްސަމުން ގެންދަނިކޮށެވެ. އެއިރުގެ ސަރުކާރުން ހިންގަމުން ގެންދިއަ ބޮޑެތި ޖަރީމާތައް ހުއްޓުވައި ޤައުމުގެ ކަންކަމަށް ހެޔޮ ބަދަލެއް ގެނައުމުގެ އުންމީދުގައެވެ.
ރައްޔިތުންގެ އެހައި ތަނަވަސް އަޣްލަބިއްޔަތަކުން މި ސަރުކާރު ވެރިކަމަށް ގެނައީ އިސްލާމް ދީނުގެ ކަންކަން ކުރިއަރުވަން އެއިރު ޢިލްމުވެރިންނަށް ހުރި ހުރަސްތައް ނައްތާލައި ރާއްޖޭގައި އިސްލާމް ދީން މަތިވެރިކޮށް ޙިމާޔަތްކުރާނެ ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ޖާގަ ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދުތަކަށް އިހްތިރާމް ކުރައްވަވާނެ ކަމަށް ރައްޔިތުން ކުރި އިތުބާރާއި އެކުގައެވެ. ރައްޔިތުން މިހާރުވެސް އެދި އާދޭސް ދަންނަވަމުން ގެންދަނީ އެ އިތުބާރު ދަމަހައްޓަވައި ދެއްވެވުމަށެވެ.
ލާދީނީ ޓެރަރިސްޓް ޖަމާޢަތް، އެމްޑީއެން އިން ނެރުނު ރިޕޯޓް އެއޮތީ ހާމައަށް ފެންނާށެވެ! އެ ރިޕޯޓުގައި ހުރި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޚިލާފްވާ މައްސަލަތައް އެއޮތީ ފައުޅުކަން ބޮޑު ގޮތެއްގައި އެނގޭށެވެ! އެ ރިޕޯޓުގައިވާ އެއްވެސް ކަމަކަށް އެމްޑީއެން އިން އިންކާރެއް ނުކުރެއެވެ. އެއީ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްކަމަށް މިހާރުވެސް އެގެންދަނީ އިއުތިރާފްވެ އަދި ރިޕޯޓް ދިފާޢުކުރަންވެސް މަސައްކަތް ކުރަމުންނެވެ.
އެހެންކަމަށްވާއިރު ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް ނުއަޅައި ސަރުކާރުން ލަސްކުރަނީ ކީއްވެގެންހެއްޔެވެ؟ ރިޕޯޓްގެ މައްސަލަ އާއި ރިޕޯޓް ނެރުނު މީހުންގެ މައްސަލައަކީ އެއް މައްސަލައެއް ކަމަށް ހަދާކަށް ނުޖެހެއެވެ. މައްސަލަ އުފެދެނީ ރިޕޯޓުން ކަމަށްވީ ނަމަވެސްމެއެވެ. ރިޕޯޓް ނެރުނު ޖަމިއްޔާއިން ކުރި ކުށަކީ ތަފާތު ކުށެކެވެ. ރިޕޯޓު ނެރުނު ބައަކު ކުރި ކުށަކީ ތަފާތު ކުށެކެވެ.
ރިޕޯޓް ލިޔެ ތައްޔާރުކުރި ބައަކާއި ދައުވާކުރަން ޖެހޭނީ އެމީހުން ކުރި ކުށަށެވެ. ޖަމިއްޔާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ޖަމިއްޔާއިން ކުރި ކުށަށެވެ. އެއީ އެފަދަ ރިޕޯޓެއް ނެރެ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި އަޤީދާ ނަގާލަން މަސައްކަތްކުރި ކަމުގެ ދައުވާއެވެ. މި ދެ މައްސަލަ އެއްކޮށްގެން މަސައްލަ އާއި ގުޅިގެން ޖަމިއްޔާގެ މައްޗަށް އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު ނުއަޅައި ލަސްކުރުމުގެ ޙައްޤު ސަރުކާރަށް ލިބެނީ ކިހިނަކުން ހެއްޔެވެ؟
ދިވެހި ރައްޔިތުންގެ ތެރެއިން 99 އިންސައްތަ ރައްޔިތުންނަށް އަނިޔާކޮށް ކޮންމެ ދުވަހަކު ރޮއްވަމުން ގެންދަނީ ކީއްވެގެންހެއްޔެވެ؟ ކަންކުރި މީހުން ބޭރު ޤައުމުތަކުން ޙިމާޔަތް ހޯދައިގެން ތިބި ތިބުމަކީ ޖަމިއްޔާ އާއިމެދު އަޅަން ޖެހޭ ފިޔަވަޅު ނުއަޅައި ލަސްކުރަން ޖެހޭ ސަބަބެއް ކަމަށް ދައްކަނީ ކީއްްވެގެން ހެއްޔެވެ؟ ރައްޔިތުން ތިބީ މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ބަލައި ގަންނާކަށް ނޫނެވެ.
ރިޕޯޓަށް ބެލުމުން އެ ރިޕޯޓަކީ ދިވެހިރައްޔިތުން އިސްލާމް ދީނުން ބޭރުކުރުމަށް ކޮށްފައިވާ މަސައްކަތެއްކަން ނުއެނގޭނެ މީހަކު ނެތްއިރުވެސް އެފަދަ ނުބައި އަމަލެއް ކުރުމުން އެކަން ކުރި ފަރާތާއިމެދު ފިޔަވަޅު އެޅުން ލަސްކުރުން ރައްޔިތުން ބަލައެއް ނުގަނެވެއެވެ. ނުވެސް ގަންނާނެއެވެ. އިން ޝާ ﷲ!
"ސަސްޕެންޑް" ކުރުން އެއީ ކުޑަ ކުދިން ރޯން ފެށުމުން އަނގައަށް ތުނބެއް ޖެހުން ފަދަ ކަމެކެވެ! ތުން ޖެހިނަމަވެސް ކުއްޖާއަށް ކާން ނުދޭނަމަ ބަނޑުހައިކަމެއް ނުފިލާނެއެވެ. ބަނޑުހައިކަން ފިލާނީ ކާން ދިނުމުންނެވެ. 99 އިންސައްތަ ދިވެހި ރައްޔިތުންގެ އަނގައަށް ތުނބެއް ޖަހައިގެން ހައްދައިލެވިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމަކަށް ނުވާނެބާވައެވެ! ތުން ޖައްސުވައިގެން އިރުކޮޅަކުވެސް ހިފަހައްޓައިލެވޭނީ އުމުރުން 2 އަހަރުވަރު ވަންދެންނެވެ. އެއަށްވުރެ ބޮޑުވުމުން ބަނޑުހައި ވެއްޖެ ނަމަ ރޯނީއެވެ. ޖައްސާ ތުނބަކުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ! "ސަސްޕެންދްކުރުން" އެއީ އެޅި ފިޔަވަޅެއް ކަމަށް ރައްޔިތުން ބަަލއި ނުގަންނަނީ ތުންބޯ އުމުރު ފަހަނައަޅައި ބޮޑުވެފައިވާތީއެވެ!