ފިޔާ ކިލޯއެއް މިއަދު ވިއްކަނީ 18 ރުފިޔާއަށް ކަމަށާއި ބަސްތާއެއް މިވަގުތު 430 ރުފިޔާއަށް ވިއްކަމުން ދިއަ ނަމަވެސް މެންދުރު ފަހުން 420 ރުފިޔާއަށް ކުޑަ ކުރުމަށް ވިސްނަމުންދާ ކަމަށް ފިޔާފަދަ ތަކެތި އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެކުރަމުން އަންނަ އެއް ފަރާތް ކަމަށްވާ މުޙައްމަދު ޝިޔާމް (މާބަނޑޭރި ޝިޔާމް) ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ 3 ފިހާރަ ބާޒާރުގަ ހުންނާނެ. ބާޒާރު އެވޮކާޑޯ، ރަންކަމަނަ، އަދި ޖޭސްމިން ޓްރޭޑް. އަޅުގަނޑުމެންގެ ފިހާރަތަކުން މިއަދު ފިޔާ މިވިއްކަނީ ކިލޯއެއް 18 ރުފިޔާއަށް، އަދި ބަސްތާއެއް 430 ރުފިޔާއަށް، މެންދުރު ފަހު 320 ރުފިޔާއަށް އަގު ހެޔޮ ކުރަން ވިސްނަމުން މިދަނީ."
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ބާޒާރުގައި މިހާރު އެކަށީގެންވާ އަދަދަކަށް ފިޔާ އެބަހުރި ކަމަށެވެ. އެހެންކަމުން އެސްޓީއޯއަށް ފިޔާ ހިފައިގެން އައި ބޯޓު އަޑިއަށް ދިއަ ނަމަވެސް ފިޔާގެ އަގު އުފުލިގެނެއް ނުދާނެ. އިންޑިއާ އިން މިހާރު ވަނީ ފިޔާ ދޫކޮށްލާފަ. ވީމާ އެންމެންވެސް ފިޔާ ގެންނާނެ."
ޝިޔާމް ވިދާޅުވީ އިންޑިއާގެ ދީވާލީ ފެސްޓިވަލް މިމަހު 28 ގައި ނިމޭނެ ކަމަށާއި ފެސްޓިވަލް ނިމުމުން އިންޑިއާގައިވެސް ފިޔާގެ އަގުހެޔޮވެ އަދި ރާއްޖޭގައިވެސް އަގުހެޔޮވެގެންދާނެ ކަމަށެވެ.
އެސްޓީއޯއަށް ފިޔާ ޝިޕްމަންޓެއް ހިފައިގެން އައި ބޯޓެއް ރާއްޖެ އާ 100 ވަރަކަށް މޭލު ބޭރުން މިއަދު ވަނީ އަޑިއަށް ގޮސްފައެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރަކަށް ޖަވާބު ދެއްވައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވީ ބޯޓަކީ އެސްޓީއޯގެ ބޯޓެއް ނޫން ކަމަށާއި ފިޔާ ހިފައިގެން އައި ބޯޓެއް ކަމަށެވެ.