ކުރީ ސަރުކާރުންވެސް ވައްކަން ކުރީ ޖެޓް ސްޕީޑްގަ ކަންކަން ކުރަން ބޭނުންވުމުގެ ނަމުގަ! ތަކުރާރު ނުކުރައްވާ!: މުޞްޠަފާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ކުރީ ސަރުކާރުންވެސް ވައްކަން ކުރީ ޖެޓް ސްޕީޑްގަ ކަންކަން ކުރަން ބޭނުންވުމުގެ ނަމުގަ! ތަކުރާރު ނުކުރައްވާ!: މުޞްޠަފާ

ކުރީ ސަރުކާރުންވެސް މަޝްރޫޢުތައް ބޭރުގެ ކުންފުނިތަކަށް ދީގެން ބޮޑެތި ވައްކަންތައް ކުރީ މަޝްރޫޢުތައް "ޖެޓް ސްޕީޑްގައި" ކުރިއަށް ގެންދިއުމުގެ ނަމުގައި ކަމަށާއި އެކަން މި ސަރުކާރުންވެސް ތަކުރާރު ނުކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ. 

މުޞްޠަފާ ވިދާޅުވީ ޤައުމުގެ ދަރަނި މިހައި ބޮޑުވެފައިވާއިރު ދައުލަތުން ކުރާ ޚަރަދުތައް ކުރުމުގައި ފަރުވާތެރިވާން ޖެހޭ މިންވަރަށް ފަރުވާތެރި ނުވެއްޖެ ނަމަ ދަރަނިތައް ދާނީ އިތުރުވަމުން ކަމަށާއި އެކަމުގެ ސަބަބުން ޤައުމުގެ މުޅި އިޤްޠިޞާދު އިނދަޖެހިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. "މިކަމުގެ ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔިތުންނަށް. ވެރިކަމުގެ ދައުރު ނިމުނީމާ ވެރިންގެ ދައުރު އެބަ ނިމޭ. ނަމަވެސް ރައްޔިތުންގެ ބޮލުގައި އަޅުވާ ދަރަނިން ރައްޔިތުންނަށް ސަލާމަތެއް ނުވެވޭނެ." 

މުޞްޠަފާ ވިދާޅުވީ ސަރުކާރުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް މިހާރުވެސް ވަނީ ހައްދު ފަހަނައަޅާފައި ކަމަށާއި އޭނާ ޤަބޫލުކުރައްވާ ގޮތުގައި ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި އެކި މަޝްރޫޢުތަކުން ދައުލަތަށް 100 މިލިއަން ޑޮލަރު ގެއްލިފައިވާ ކަމަށް އޭނާ ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިފަދަ ޚިޔާނާތްތަކުގެ ފުރިހަމަ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައި ނުގަންނަވާ ކަމަށް ވެދާނެ ކަމަށާއި އެހެންކަމުން މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން އެކަމާއި ގުޅުން ހުރިހާ ކަމެއް އެމަނިކުފާނު އަމިއްލަފުޅަށް ވަރަށް ރަނގަޅަށް ބެއްލެވުން މުހިންމު ކަމަށެވެ. 

"އަޅުގަނޑުމެން މިސަރުކާރު ގެނައީ ކުރީ ސަރުކާރު ކަމު ނުގޮސްގެން. ކަންކަން ރަނގަޅުކުރަން ގެނައި ސަރުކާރެއް މިއީ. ވީމާ ގިރިޓީކޮށްލާފަ ހަމަ ކުރީ ސަރުކާރާ އެއްގޮތަށް ކަންކަން ކުރީމަ ރައްޔިތުން ސަރުކާރު ބަދަލުކުރި މަޤްޞަދު ޙާޞިލެއް ނުކުރެވޭ." 

މުޞްޠަފާ ވިދާޅުވީ ކޮންމެ ކަމެއް ކުރުމަށްވެސް އެކަށީގެންވާ އަގެއް އޮންނާނެ ކަމަށާއި ރާއްޖޭގައި ހިނަގާފައިވާ މަޝްރޫޢުތައް ހިންގާފައިވާ އަގުތަކަށް ބަލަން ޖެހޭނެ ކަމަށެވެ. ހެޔޮ އަގުގައި ކުރެވިފައި ހުންނަ ކަންކަން މާ ބޮޑު އަގުގައި ކުރުމުން އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ކުޑަކުރައްވައި ނައްތަވައިލައްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. އަދި ކޮރްޕްޝަނުގެ އަމަލުތަކަށް މިސަރުކާރުން ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ރައްޔިތުންގެ އެހީތެރިކަމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން