ތިމާއަށް ތާއީދުކުރާ މީހުން ގިނަވާވަރަކަށް ﷲ ތަޢާލާ އާއި ކުއްތަންވުމަށް މަސައްކަތް ނުކުރާ މީހަކީ އެންމެ ބޮޑެތި ޖައްބާރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެހެނީ މީހަކަށް ތާއީދު ކުރާނެ މީހުންގެ އަދަދު ގިނަވާނީ އެއްވެސް ޙާލެއްގައި އެމީހެއްގެ ހުރި މޮޅުކަމަކުން ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުންނެވެ.
އެމީހަކަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާ ސިފަތަކުންނެވެ. ވާހަކަ ދައްކައި ލިޔެ ހަދަން ދެއްވަވާ ކުޅަދާނަ ކަމުންނެވެ. މިއިން އެއްވެސް ކަމަކީ އެމީހަކު އަމިއްލަ އަށް ލިބިގަންނަ ސިފަތަކެއް ނޫނެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކެވެ.
މިކަންކަމަށް ވިސްނަންވީ ހަމަ އެކަނި ސިޔާސީ ލީޑަރުންނެއް ނޫނެވެ. ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ މީހުން ވެސް މިފަދަ ކަންކަމަށް ވިސްނާށެވެ! ގިނަ ބައަކު ތިބާގެ އެކައުންޓްތައް ބަލައި ފޮލޯކުރާނަމަ ފުރަތަމަ ކަމެއްގެ ގޮތުން ކުރަން ޖެހޭނެ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރަން މަސައްކަތް ކުރުމެވެ. އިސްލާމް ދީން ފަތުރަން މަސައްކަތްކުރުމެވެ. އިސްލާމް ދީނަކީ އެންމެ މާތް ދީންކަން މީސްތަކުންނަށް ސާބިތުކޮށްދޭން މަސައްކަތްކުރުމެވެ.
މީސްތަކުންނޭވެ! މީހުންނަށް މަޝްހޫރުކަމާއި ތަނަވަސްކަމާއި މީސްތަކުންގެ ތާއީދާއި މީސްތަކުންގެ ލޯބި ﷲ ތަޢާލާ މިންވަރުކުރެއްވެވުމުން އެކަން މެދުވެރިވީ ތިމާ އާއިމެދު ﷲ ތަޢާލާ ރުހިވޮޑިގަތުމުން ކަމަށް ޤަބޫލުކޮށް ނިންމާލައިގެން ނުވާނެއެވެ. އެއިގެ ފަހަތުގައި އޮތް އެންމެ ބޮޑު ސިއްރަކީ ތިމާ އިމްތިޙާނު ކުރެއްވެވުންކަން އަބަދުވެސް ޔަޤީންކުރަންވާނެއެވެ. އެ އިމްތިޙާނުން ފާސްވާން ގދައަޅައި މަސައްކަތްކުރަން ޖެހޭނެކަން ޔަޤީންކުރަންވާނެއެވެ. ނޫންނަމަ ކުރިމަތިވެދާނެ ނިކަމެތި ކަމަށް އަބަދުވެސް ބިރުވެތިވާން ޖެހޭނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން