\އާދަމްގެފާނުގެ ދަރަޖަފުޅު މަލާއިކަތުންނަށްވުރެ މަތިވެރިވެގެން ދިއަ އެއްސަބަބަކީ އާދަމްގެފާނަށް ﷲ ތަޢާލާ ދެއްވެވި ޢިލްމުފުޅެވެ. އެތަކެތީގެ ނަންތައް މަލާއިކަތުންނަށް އެނގިވަޑައިނުގެންވި ތަކެތީގެ ނަންތައް އާދަމްގެފާނަށް ވިދާޅުވެވުނީ ﷲ ތަޢާލާ އާދަމްގެފާނުގެ ރޫޙްފުޅަށް އެނަންތައް ދަސްފުޅުކޮށް ދެއްވެވުމުންނެވެ.
ދުނިޔޭގެ ތާރީޚަށް ބެލި ނަމަވެސް މީސްތަކުން އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ޢިލްމު އުނގެނޭށެވެ! ކީރިތި ޤުރްއާނުން އެންމެ ފުރަތަމަ ބާވައިލެއްވެވި 5 ޢާޔަތުގައިވެސް ޢިލްމުގެ ވާހަކައެވެ. 2 ފަހަރު މަތިން (5 އާޔަތުން 2 އާޔަތުގައި) އުނގެނިވަޑައިގަތުމަށް ވަނީ ވަޙީ ކުރައްވަވައިފައެވެ.
1 " ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމް ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ" (އަލްޢަލަޤް: 1)
2 " ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ." (އަލްޢަލަޤް: 3)
މި 2 އާޔަތްވެސް ބަލާށެވެ! " އެކަލާނގެއީ، (ޤަލަމުން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. (އަލްޢަލަޤް: 4) " އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." (އަލްޢަލަޤް: 5) ދެން ބަލައިލަންވީ ސޫރަތުގެ އެންމެ ފަހު އާޔަތަށެވެ! " ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ކަލޭގެފާނު އޭނާޔަށް ކިޔަމަންވެ ވަޑައިނުގަންނަވާށެވެ! އަދި ސަޖިދަ ކުރައްވައި ނަމާދު ކުރައްވާށެވެ! އަދި) ﷲ ގެ ޙަޟްރަތަށް (ކަލޭގެފާނު ކުއްތަންވެވަޑައިގަންނަވާށެވެ!" (އަލްޢަލަޤް: 19)
ފުރަތަމަ އަމުރުފުޅު ތަކުރާރު ކުރައްވަވާފައި އެވަނީ އުނގެނިވަޑައިގަތުމަށެވެ. ﷲ ތައާލާއަށް ކުއްތަންވުމާއި ސަޖިދަ ކުރެއްވެވުމުގެ ވާހަކަ މިއައީ ފަހަތުންނެވެ. މިއިން އެނގިގެން މިދަނީ ކޮން ކަމެއް ހެއްޔެވެ؟ ނަމާދު ކުރެވޭނީ ދަސްކޮށްގެން ކަމެވެ.
"އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ." މި ބަސްފުޅުން އެނގިގެންދަނީ ޢިލްމު އުނގެނެން މަސައްކަތްކުރާ މީހާއަށް އެކަމުގެ މަގު ﷲ ތަޢާލާ ދައްކަވައިދެއްވަވާނެ ކަމެވެ.
މީސްތަކުންނޭވެ! ފުރާނައިގެ ކާނާއަކީ އަޅުކަމެވެ. އަޅުކަން ކުރެވޭނީ ޢިލްމު އުނގެނިގެންނެވެ. އަޅުކަން ކުރުމާއި ޢިލްމު އުނގެނުމަކީ ގުޅި ލާމެހިފައިވާ ދެކަންތަކެވެ. ވީމާ އަޅުކަންކުރުމަށްޓަކައި އަބަދުވެސް ޢިލްމް އިތުރުކުރަން މަސައްކަތްކުރަން އެބަ ޖެހެއެވެ. އަޅުކަން ކުރުމާއި އުނގެނުން ދޫކޮށްލައިފި މީހެއްގެ ޤަދަރު ވަރަށް އަވަހަށް ވެއްޓިގެން ހިނގައިދާނެއެވެ!
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން