މީސްތަކުންނޭވެ! މިއަދު ގިނަ ބައަކު ކަންބޮޑުވަނީ އެމީހުންގެ ހަށިގަނޑާއިމެދުގައެވެ. ރީތިކުރަން އުޅެނީވެސް ރައްކައުތެރިކުރަން މަސައްކަތްކުރަނީވެސް އެމީހުންގެ ހަށިގަނޑެވެ! އެމީހުންގެ ރޫޙާއިމެދު ވިސްނާ މީހުން ވަރަށް މަދުވެއްޖެއެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުރިހާ މަތިވެރިކަމެއް ވަނީ އަހަރެމެންގެ ރޫޙުގައެވެ. އަހަރެމެންގެ ހަށިގަނޑަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ.
ރަނގަޅަށް ސަމާލުކަން ދީގެން ވިސްނާށެވެ! އާދަމްގެފާނު އުފެއްދެވުމަށްފަހު ހުރިހާ މަލާއިކަތުންނަށް އާދަމްގެފާނަށް ސަޖިދަކުރައްވަވަން ﷲ ތައާލާ އަމުރުފުޅު ކުރެއްވެވީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނާއި އެންމެހައި މަލާއިކަތުން ހިމެނިވަޑައިގަންނަވާ ގޮތަށެވެ. އެއްވެސް އިސްތިސްނާއެއް ނެތިއެވެ. އެހައި މަތިވެރި ދަރަޖައެއް އާދަމްގެފާނަށް ދެއްވެވީ ކީއްވެގެން ހެއްޔެވެ؟
އެއްވެސް ޙާލެއްގައި އެއީ އާދަމްގެފާނުގެފާނުގެ ހަށިކޮޅުގެ މަތިވެރިކަމަކުން ނޫނެވެ. އެހެންނަމަ އެ ހަށިކޮޅަކީ ނެތި ފަނާވެގެންދާ އެއްޗެއް ކަމުގައި ނުލެއްވެވީހެވެ. ހުރިހާ މަތިވެރިކަމެއް ވަނީ އާދަމްގެފާނުގެ ރޫހުފުޅުގައެވެ. އެއީ އެ ރޫޙުފުޅު އުފެއްދެވީ ﷲ ތަޢާލާ އާދަމްގެފާނުގެ ހަށިކޮޅަށް "ފުމެލައްވަވައިގެން" ކަމުގައިވާތީއެވެ. ވީމާ އެ ރޫޙުފުޅު ނެތިގެނެއް ނުދާނެއެވެ. އެންމެންވެސް މަރުވުމުން އެމީހެއްގެ ހަށިގަނޑު ނެތިގެންދެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ރޫހަކީ، ފުރާނައަކީ ނެތިގެންދާނެ އެއްޗެއް ނޫނެވެ. އެއީ މި ބަޔާންކުރި ސަބަބަށްޓަކައެވެ.
އަހަރެމެން މަރުވުމުން ވެސް ކޮންމެ މީހެއްގެ ރޫޙުވެސް ﷲ ތައާލާގެ ޙަޟްރަތަށް އުފުއްލަވައެވެ. އެއަށްފަހު އެ ރޫޙާއިމެދު ކަންކަން ނިންމަވަނީ އެ މީހަކު ދުނިޔޭގައި އުޅުނު ގޮތުގެ މައްޗަށެވެ. އަހަރެމެންގެ ނުބައިކަމުން އަހަރެމެން ﷲ ތަޢާލާއަށް އުރެދެނީއެވެ. އަޅުކަން ނުކުރަނީއެވެ. އެއީ އެއްވެސް ޙާލެއްގައި އިންސާނާގެ ރޫޙު އެގޮތަށް އެކަން ކުރަން އެދޭތީއެއް ނޫނެވެ. ﷲ ތަޢާލާ ބާރާއި އިޚްތިޔާރު ދެއްވަވާފައިވަނީ ރޫހަކަށް ނޫނެވެ. އިންސާނާއަށެވެ. ވީމާ ﷲ ތަޢާލާއަށް އުރެދި ބޭނުންހައި ގޮތަކަށް އުޅެނީ އިންސާނާއެވެ.
ނިކަން ވިސްނައިލަބަލާށެވެ! މިއަދު މީސްތަކުން ބޮޑެތި ޚަރަދުތައް ކޮށްގެން ދުރު ޤައުމުތަކަށް އެބަ ދަތުރުކުރެއެވެ. ކީއްކުރަން ހެއްޔެވެ؟ އެމިހާގެ ހަށިގަނޑަށް ދޭ ސަމާލުކަން ބޮޑުކަމުން ބޮލުގައި އިސްތަށްޓެއް އިންދައިލުމަށެވެ. މީގެ ޤަރުނުތަކެއް ކުރިއަށް ބަލައިފިނަމަ މަސްތައް ފާއިތުކޮށް ނުހަނު ތަކުލީފް އުފުލައިގެން ދަތުރުތައް ކުރީ އެންމެ ހަދީޘްފުޅެއް އުނގެނުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ރޫޙަށް ދިރުން ދިނުމަށެވެ.
ޢުޘްމާން ބިން ޢައުފް ޠާއިފުން މަދީނާއަށް ވަޑައިގެންނެވިއެވެ. ކޮޅަކަށް 6 ދުވަހުގެ ދަތުރުފުޅެއް ކުރައްވަވައިފައެވެ. ކޮން ބޭނުންފުޅަކުކަން އެނގޭ ހެއްޔެވެ؟ ނަމާދުގައި ޝައިޠާނާ އުނދަގޫކުރާތީ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރައްވަވާނެ ގޮތެއް ރަސޫލް (ޞޢވ)ގެ އަރިއަހުން އޮޅުންފިލުއްވެވުމަށެވެ.
ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ "ވައަތްފަރާތަށް އެނބުރި ވަޑައިގެން 3 ފަހަރު (ހިކިކޮށް) ކުޅު ޖެއްސެވުމަށެވެ. 12 ދުވަހުގެ ދަތުރުފުޅެއް އެކުރެއްވެވީ މިހައި ކުރު ޖަވާބެއް ހޯއްދެވުމަށެވެ. ނަމަވެސް މިއަދު ގިނައިން މިސުވާލުކުރަނީ ދަތްޕިލަ ރީތިކުރަން މިވެނި އެވެނިކަމެއް ކުރުން ހުއްދަތޯ ބުމަ ހެދުން ހުއްދަތޯ ފަދަ ހަށިގަނޑު ރީތިކުރުމާއިބެހޭ ކަންކަމުގައެވެ.
އިންސާނާއަށް ﷲ ތަޢާލާ ދެއްވެވި ރޫޙު މަތިވެރިކަން ދޫކޮށްލައި ހަށިގަނޑުގެ ރީތިކަމަށް މަސައްކަތްކުރާ މީހުން ވަނީ މަގުފުރެދިފައެވެ. ސަބަބުތައް މިބަޔާންކުރީއެވެ. ވީމާ އާޚިރަތް އެދޭ މީހާ ގަދައަޅައި މަސައްކަތްކުރަންވީ އެމީހާގެ ރޫޙް މަތިވެރިކުރުމަށެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން