ޤާނޫނާއި ޚިލާފްވެފައިވާ ޖަމިއްޔާގެ ދަށުގައި ތާށިވެވަޑައިގެން ހުންނަވައިގެން ދީނީ ޢިލްމުވެރިންނަށް އިލްތިމާސް ފޮނުއްވި ނަމަވެސް މަނިކުފާނުގެ ޒިންމާއިން ރެކެވިވަޑައިގެންނެވުނީ ނޫންކަން ހަނދުމަފުޅުގައި ބަހައްޓަވަން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި "މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ކަންތައް ކޮށްދެއްވަން" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އެދިވަޑައިގެންފިއެވެ.
ޑރ. އިޔާޟް ވަނީ ފިތުނަ ފަސާދަ އުފެދެން ދިމާވަނީ އިސްލާމް ދީނުގައިވާ އުޞުލުތަކާއި ޚިލާފްވީމައި ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް ގޮވާ ނުލައްވަނީ ކީއްވެގެންތޯ؟ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ސުވާލުކުރައްވައިފައެވެ.
ޑރ. އިޔާޟް ވިދާޅުވީ ބައަކު މީހުން ސިޔާސީ ހުޅު ރޯކުރަން ދަރުއަޅަނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން އެކަމުގައި ފަހަތު ފައަށް ބުރަވެފައި ތިބީމައި ކަމަށާއިއެގޮތަށް އެކަން ވެދާނެކަން ދީނީ ޢިލްމުވެރިން ވާނީ ތަފާތު ގޮތްގޮތަށް މަނިކުފާނަށް ދަންނަވާފައި ކަމަށެވެ.
ޑރ. އިޔާޟްގެ ބައެއް ސުވާލުތަކާއި އިލްތިމާސްތައް ރައީސަށް!
"މިރާއްޖޭގެ އިސްވެރިޔާއަށް ދީނީ ޢިލްމުވެރިން އަދާކުރަމުން ގެންދާ ބުރަ މަސްއޫލިއްޔަތު އޮޅިވަޑައިގެންނެވި ކަމީ ހިތާމަހުރި ކަމެކެވެ. އެއްވެސް އިރެއްގައި އެއްވެސް ބައަކު ދީނީ ޢިލްމުވެރިންގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ދީފައެއް ނުވާނެއެވެ. އަދި ނުވެސް ދޭނަމެވެ. އިން ޝާ ﷲ. އެމްޑީއެން އުވާލަދެއްވާ!"
"ޤައުމުގެ ހަމަޖެހުމަށްޓަކައި ލަސްނުކުރައްވައި އެމްޑީއެން އާއިމެދު ޤާނޫނީ ފިޔަވަޅު އަޅުއްވަވާށެވެ! އެއިރުން އެއްވެސް ބައަކަށް ސިޔާސީ ހުޅު ރޮލެއް ނުކުރެވޭނެއެވެ."
އަޅުގަނޑު ވަރަށް އަދަބުވެރިކަމާއިއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިއަހުގައި ދަންނަވަމެވެ. ދީނީ ޢިލްމުވެރިންގެ ފަރާތުން އެއްވެސް ބާވަތެއްގެ ހުޅެއް ރޯވުމުގެ ފުރުޞަތެއް ނުދޭނަމެވެ. އިން ޝާ ﷲ! އަޅުގަނޑުމެން މަސައްކަތްކުރަމުން މިގެންދަނީ ޤައުމުގެ ހަމަޖެހުމާއި މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށްޓަކައެވެ."
"ބައަކު މީހުން އިސްލާމް ދީނުގެ ނަމުގައި ނުރަނގަޅު ކަންތައްތަކެއް ކުރަން ގޮވި ނަމަވެސް އެއީ އިސްލާމް ދީނާއި ގުޅިން ހުރި ކަންތައްތަކެއް ނޫނެވެ. އިސްލާމް ދީނަކީ މީސްތަކުންނަށް ހަމަޖެހުމާއި އުފާވެރިކަން ހޯދައިދޭ ދީނެވެ."