ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހާއި ގުޅުވައިގެން އެ ކޯޓުގެ މުވައްޒަފުންތަކެއް ތިބޭ ވައިބާ ގްރޫޕަކަށް ފޮނުވި ތަހުނިޔާގެ މެސެޖުގެ މައްސަލައާއި ގުޅިގެން މާދަމާ ހެނދުނު 8 ޖަހާއިރަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން ހައިލަމް އަށް އަންގައިފިއެވެ.
ހައިލަމް ޖޭއެސްސީއަށް ހާޒިރު ކުރާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުން ވަނީ މާދަމާގެ މެންދުރު 13:00 އަށް ތާވަލުކޮށްފައެވެ. މިމައްސަލަ ބައްލަވަނީ ގާޒީ ހައިލަމެވެ.
ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯގެ މައްސަލަ ހޫނުވެ ހައިލަމަށް ފާޑުކިޔުންތައް އަމާޒުވަމުން ދަނިކޮށް އެ މައްސަލާގައި އޭނާ މިރޭ ވަނީ މައާފަށްވެސް އެދިފައެވެ.
ހައިލަމް މިރޭ ނެރުއްވި ނޫސް ބަޔާނެއްގައި ވިދާޅުވީ ކްރިިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް އޭނާ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިމެނޭ ފޮޓޯއެއް ޕޯސްޓުކުރީ އެ ފޮޓީގައި ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހުރިކަން އެނގުމުން ކަމަށެވެ. އަދި އެ ފޮޓޯ ޕޯސްޓުކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ ކުރެހުމުގައި ހުންނެވިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހި އެންމެހާ ރައްޔިތުންގެ އަރިހުން ނިޔާހަތަށް މައާފަށް އެދޭކަމަށެވެ.