ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި މަޖިލިހުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަ މެމްބަރު، ޤާނޫނީ ވަކީލާ ހިސާން ހުސެއިން އައްޔަނު ކުރައްވައިފިއެވެ.
މިމަގާމަށް ހިސާން އައްޔަނު ކުރައްވާފައިވާއިރު، އެމަގާމުގައި ކުރިން ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ މިއަދުގެ ވަގުތެއްގައި އެމަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ ރައީސްގެ މަގާމަށް ހިސާން މިއަދު ހަމަޖެއްސެވީ ޖޭއެސްސީގެ ގާނޫނުގެ ހަތްވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށެވެ.
އެކޮމިޝަނުގެ ގާނޫނުގެ ހަތްވަނަ މާއްދާގައި ބުނެފައިވަނީ ކޮމިޝަންގެ ރައީސަކާއި، ނައިބް ރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިޝަންގެ ރައީސަކާއި ނައިބް ރައީސަކަށް އައްޔަންކުރާ ބަޔަކު އެމަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ކޮމިޝަނުން އަންގަންވާނެ ކަމަށެވެ.