ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ސަސްޕެންޑްކޮށް، އެ ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް މި ދެ ފަނޑިޔާރުން ކުރައްވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ދެ ބޭފުޅުންގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށާއި އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 4 ވަނަ ނަންބަރުގެ ދަށުން މި ދެ ބޭފުޅުން ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.
މީގެއިތުރުން ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީގޮތުން ދުރުކުރަންޖެހޭ ކަމަށްވެސް ކޮމިޝަންގެ މެންބަރުންނަށް ގަބޫލުކުރެއްވުނު ކަމަށެވެ. އެހެންކަމުން މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށްވެސް ކޮމިޝަނުން ނިންމާފައިވާ ކަަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.