މާތްﷲ އިރާދަކުރެއްވިއްޔާ ބިރެއް ނުދެއްކޭނެ ކަމަށާއި ސިޔާސީ މަސައްކަތްތަކެއްވެސް ނުހުއްޓުވޭނެ ކަމަށާއި ދީނީ މަސައްކަތްތަކެއްވެސް ނުހުއްޓުވޭނެ ކަމަށާއި އަދި އެމްޑީޕީ ކުރިމަތީ ކުޑަކަކޫވެސް ނުޖެއްސުވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
"އެމްޑީޕީގެ 3 އަހަރުގެ ސަރުކާރުގައި ޑރ. އަފްރާޝީމަށް އެއްވެސް ފުރުޞަތެއް ދީފައެއް ނުވެއެވެ. ދީނީ ގޮތުން ޑރ. އަފްރާޝީމަށް ފުރުޞަތު ހުޅުވީ (ޑރ. ވަޙިދުގެ ސަރުކާރުގަ)
އަޅުގަނޑުގެ ވަޒީރު ކަމުގައެވެ. އެމްޑީޕީން ފުރުޞަތު ނުދިން ވާހަކަ ޑރ. އަފްރާޝީމް އަޅުގަނޑާއި ޙިއްޞާ ކުރެއްވިކަން މަރުކޮމިޝަނަށް އަޅުގަނޑު ދިން ބަޔާނުގައި ހިމަނާފައިވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޕޯޓުގެ ޚުލާޞާ ބަޔާން އިއްވަމުން އަޅުގަނޑު 2 އޮކްޓޯބަރުގައި ޤަތަރަށް ފުރައިގެން ދިއަކަން ދޭހަވާ ގޮތަށް މަޖިލީހުގެ ރައީސް ވާހަކަ ދެއްކިކަމީ ހިތާމަހުރި ކަމެކެވެ. ޤަތަރަށް ދިއަ ބައަކާއިއެކު ފުރައިގެން އަޅުގަނޑު ނުދަމެވެ. އެއީ ރިޕޯޓުގައި ނުވެސް ނެތް ވާހަކައެކެވެ.
މާތްﷲ އިރާދަކުރެއްވިއްޔާ ބިރެއް ނުދެއްކޭނެއެވެ. ސިޔާސީ މަސައްކަތަތްކެއްވެސް ނުހުއްޓުވޭނެއެވެ. އަދި ދީނީ މަސައްކަތްތަކެއްވެސް ނުހުއްޓުވޭނެއެވެ. އަދި އެމްޑީޕީ ކުރިމަތީ އަޅުގަނޑުމެން ކުޑަކަކޫވެސް ނުޖެއްސުވޭނެއެވެ." -ޑރ. ޝަހީމް